ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރެއްވި އަބުރުގެ ދައުވާގެ މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް މިއަދަށް ކެންސަލް ކުރީ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް ރިޔާޒުގެ ވަކީލު އެދިވަޑައިގަތުމުން ކަމަށެވެ.

"މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތުގެ ވަކީލު މިއަދުގެ ޝަރީއަތް ކެންސަލް ކޮށްދިނުމަށް ކޯޓުގައި އެދުމުން،" އޮފިޝަލް ވިދާޅުވި އެވެ.

ރިޔާޒުގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވަނީ ރައީސް ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފަ އެވެ.

އެ ދެ ބޭފުޅުން ރައީސް ނަޝީދުގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވާފައި ވަނީ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ (ކޯނީ) ގެ ރިޕޯޓު ނެރުމަށް ފަހު ޖެހިގެން އައި ދުވަހުގެ ރޭ އުސް ފަސްގަނޑުގައި ވާހަކަ ދައްކަވަމުން އެ ދެ ބޭފުޅުންގެ އަބުރަށް ހުތުރުވާ ގޮތަށް އެމަނިކުފާނު ވާހަކަފުޅު ދައްކަވާފައިވާތީ ކަމަށް އެ ދެ ބޭފުޅުންގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.

ކޯނީގެ ރިޕޯޓު ނެރުނު ދުވަހާއި ޖެހިގެން އައި ދުވަހުގެ ރޭ އުސްފަސްގަނޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ނާޒިމާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ބަޣާވާތް ކޮށްގެން ތިބި ބައެއްކަމަށް އެމަނިކުފާނަށް އަދިވެސް ތުހުމަތު ކުރެވޭތީ އެ ދެ ބޭފުޅުންގެ ނާއި ދިމާލަށް ބާޣީއޭ ކިޔުން ނުހުއްޓާނެ ކަމަށެވެ.