30 Sep 2012, 10:50
ގިނަ ބައެއްގެ ތަރުހީބު ލިބުނު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ކޮންސިއުމާ ފެއާ ކާމިޔާބީ ފާހަގަ ކުރަމުން ރޭ ނިންމާލައިފި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރި ވަރަށްވުރެ ވެސް ފެއާ ކާމިޔާބު ގިނަ އަދަދެއްގެ ބަޔަކު ފެއާއަށް ޒިޔާރަތް ކުރުމުގެ އިތުރުން ތަފާތު މައުލޫމާތުތައް ހޯދައި ބޭނުންވާ ހިދުމަތްތައް ވަނީ އަޅުގަނޑުމެނާ ހިއްސާކޮށްފައި،" މުއާސަލާތީ ކުންފުނި، ދިރާގުން ކޮންސިއުމާ ފެއާގައި ގާއިމްކޮށްފައި ހުރި ސްޓޯލްގައި ހުރި އަންހެން ކުއްޖަކު ބުންޏެވެ.
ފުރަތަމަ ފަހަރަށް ކޮންސިއުމާ ފެއާއެއް ރާއްޖޭގައި ބޭއްވީ އާޓްލައިން ޑިޒައިން ސާވިސް އިނެވެ. ރާއްޖޭގެ ބޮޑެތި އަދި ކުދި ވިޔަފާރިތަކަށް ހުޅުވާލައިގެން ތިން ދުވަހަށް ކުރިއަށްގެންދިޔަ ފެއާ ކާމިޔާބީއާއެކު ނިންމާލި އިރު ފެއާ ފެށުމުގެ ކުރިން ކޮންސިއުމާ ފެއާއެއް ރާއްޖޭގައި ކާމިޔާބު ވެދޭނެތޯ ނޫންތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން ދިޔަ އެވެ. ސަބަބަކީ އަލަށް ކުރާ ކަމަކަށް ވެފައި ކޮންސެޕްޓް ވެސް މީހުންނަށް އެނގިފައި ނެތުމުންނެވެ. ނަމަވެސް ފެއާ ފެށިގެން ވެސް އަދި ނިމެންދެން ދިޔައީ މަންޒަރު ބަދަލު ކުރުވައިފަ އެވެ.
އާޓްލައިންގެ ޖެނެރަލް މެނޭޖާ އިބްރާހިމް އާމިރު ވިދާޅުވީ ފެއާށް ބޮޑު ތަރުހީބެއް ލިބުމުން ހިތްވަރު ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވި އެވެ: "ފެއާ ފެށިގެން މުޅިންވެސް ދިޔައީ މީހުންފުރި ތޮއްޖެހިގެން އަޅުގަނޑުމެނަކަށް ސީދާ ޒިޔާރަތްކުރީ ކިތައް ފަރާތްކަމެއް ނޭންގޭ ނަމަވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކޮށް ފެއާއިން މައުލޫމާތު ހޯދާފައިވޭ. ވަރަށް ފުރިހަމަ ވަރަށް ކާމިޔާބު ފެއާއެއް މިއީ" އާމިރު ވިދާޅުވި އެވެ.
ތިރީސް ކުންފުންޏަކުން 70 ސްޓޯލް ބައިވެރިކުރި ފެއާގައި ކާބޯތަކެތީގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ސާމާނާއި މިއުޒިކް ސާމާނާއި އަންނައުނުގެ ފަހުގެ ފެޝަންތަކާއި ތަފާތު މުދަލާއި އެހެނިހެން ބާވަތްތައް އަގު ހެޔޮކޮށް ވިއްކާފައިވާއިރު ފެއާގައި ފެނިގެން ދިޔަ ކާމިޔާބު އަދި ގިނަ ބަޔަކު ޝައުގުވެރިކަން ހޯދި އެއް ކަމަކީ މުދަލާއި ބެހޭ ގޮތުން ކުރިން އެނގިފައި ނެތް އެކަމަކު އެނގެން ބޭނުންވާ މުހިންމު މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ހިއްސާ ކުރުމެވެ.
ކޮންސިއުމާ ފެއާގައި އެންމެ ބޮޑު ސްޓޯލް ހަދާފައިވާ ފެއާގެ މެއިން ސްޕޮންސާ އެސްޓީއޯއިން ބުނީ ކޮންސިއުމާ ފެއާއަކީ އެ ކުންފުނީގެ ވިޔަފާރިއަށް ވަރަށް މުހިންމު އަދި ކަސްޓަމަރުނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށްލަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. އެސްޓީއޯ ނޫނަސް ފެއާގައި ބައިވެރިވި ގިނަ ފަރާތްތަކުން ތިބީ ހިތް ހަމަ ޖައްސާލައިގެނެވެ. ކުންފުނިތަކުންވެސް ތިބީ އުއްމީދު ކުރިވަރަށްވުރެ ބޮޑު ތަރުހީބެއް ލިބުމުން ހަމަޖެހިފަ އެވެ.
މިފްކޯގެ އޮފިޝަލަކު ވިދާޅުވީ އެ ކުންފުނިން ކުރިން ހީކުރި ވަރަށްވުރެ ވެސް ކާމިޔާބު ކަމަށާއި މިފްކޯގެ ސްޓޯލަށް ވެސް ގިނަ ބަޔަކު ފުނިޖެހުނު ކަމަށެވެ.
"ވަރަށް ހިތްހަމަޖެހޭ ވަރަށް ވަރަށް ސަޅި ފެއާއެއް ޕްރޮޑަކްޓަތަކުގެ މައުލޫމާތު ލިބޭއިރު ވަރަށް އަގު ހެޔޮކޮށް ތަކެތި ލިބެން އެބަހުރި،" ކޮންސިއުމާ ފެއާއަށް ޒިޔާރަތްކުރި މީހަކު ބުންޏެވެ.