ކޮމަންވެލްތްގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ރަސްމީ އެޖެންޑާގައި ރާއްޖެ މިހާރު ނެތް ކަމަށް ކޮމަންވެލްތްގެ ސެކްރެޓޭރިއެޓްއިން ސަން އޮންލައިންއަށް މިއަދު ކަށަވަރުކޮށްދިފި އެވެ.

ރާއްޖެ ސީމެގްގެ އެޖެންޑާ އިން އަދިވެސް ނުނަގާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ސަން އޮންލައިން އިން އީމެއިލް މެދުވެރިކޮށް ސުވާލުކުރުމުން ކޮމަންވެލްތްގެ ސެކްރެޓޭރިއެޓްގެ ސްޕޯކްސްޕާސަން، ރިޗާޑް ޔޫކް މިއަދު ފޮނުއްވި އީމެއިލްގައި ވިދާޅުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރާއްޖެ އެ ޖަމާއަތުގެ ރަސްމީ އެޖެންޑާ އިން ނަގާފައިވާ ކަމަށާއި ރާއްޖެ އަށް އެ ޖަމާއަތުގައި ކުރިން ވެސް އަދާކުރަމުން ދިޔަ ދައުރު އަދާކުރެވޭނެ ކަމަށެވެ.

"ސީމެގްގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ދެން އޮންނަ ބައްދަލުވުމެއްގައި ބައިވެރިވާނެ. އަދި ރާއްޖެ މިހާރު އެ ޖަމާއަތުގެ ރަސްމީ އެޖެންޑާގައި ހިމެނިފައެއްނުވޭ،" ރިޗާޑް ވިދާޅުވި އެވެ.

ކޮމަންވެލްތުން އެހެން ބުނެފައި މިވަނީ ރާއްޖެ އަދިވެސް ސީމެގްގެ އެޖެންޑާގައި އޮތް ކަމަށް ބުނެ ކެނެޑާގެ ހާރިޖިއްޔާ އިން ބަޔާނެއް އާންމުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ބަޔާނާ ގުޅިގެން ސަރުކާރުން އާންމު ކުރި ބަޔާނުގައި ވެސް ބުނެފައި ވަނީ ސީމެގްގެ ޖަލްސާތަކުގެ "މެޓާޒް އޮފް އިންޓަރެސްޓް" ނުނީ ޖަލްސާގެ ޝައުޤުވެރިކަން ހުރި ކަންކަމުގެ ތެރެއަށް ރޭގެ ބައްދަލުވުމުގައި ރާއްޖެ ބަދަލުކުރެވިފައިވާ ކަމަށާއި އެހެންކަމުން ސީމެގްގައި ކަންތައްތައް ހިނގާގޮތަށް ބަލާ އިރު ރާއްޖެއާ ބެހޭ އެއްވެސް މައްސަލައެއް ވަކި ކަމެއްގެ ގޮތުގައި ނުވަތަ ވަކި އެޖެންޑާ އައިޓަމެއްގެ ގޮތުގައި ސީމެގްގައި މަޝްވަރާ ކުރެވިގެންނުދާނެ ކަމަށެވެ.

"ސީމެގްގެ ކަންކަން ހިނގާގޮތުގެ އުޞޫލުތަކަށް ބަލާ އިރު، މިގޮތަށް ހަމަޖެހުމުން، ރާއްޖެއާ ބެހޭ އެއްވެސް ކަމެއް ވަކި މައްސަލައެއްގެ ގޮތުގައި ނުވަތަ ވަކި އެޖެންޑާ އައިޓަމެއްގެ ގޮތުގައި ސީމެގްގައި މަޝްވަރާ ކުރެވިގެންނުދާނޭކަމާއި، ރާއްޖެއާ ބެހޭ ގޮތުން، އެއްވެސް މަޝްވަރާއެއް ކުރެވޭނީ، ސީމެގް ރަސްމީ އެޖެންޑާގައި ނުހިމެނޭ ޤައުމުތަކެކޭ ވެސް އެއްފަދައިންކަން،" އެ ބަޔާނުގައިވެ އެވެ.

ރާއްޖެ ސީމެގްގެ އެޖެންޑާ އިން ނަގާފައި މިވަނީ އެ ޖަމާއަތުގެ އެޖެންޑާ އިން ރާއްޖެ ނަގައިފި ނަމަ އިދިކޮޅު ފިކުރު ނެތިގެންދާނެ ކަމަށް ބުނެ އެކަން ނުކުރުމަށް އެމްޑީޕީން އެ ޖަމާއަތަށް ގޮވާލާފައިވަނިކޮށެވެ. ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނީ ފެބުރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވުމުގައި ސުވާލުއުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ މިދިޔަ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.