ތެހެރާން (ސެޕްޓެމްބަރ 30): އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް ހުރަސްކުރުން މަނާ ރަތްރޮނގު ކަނޑައެޅުމަށް ގޮވާލައި އިސްރާއީލު ދައްކަމުންގެންދާ ވާހަކަތަކަށް އީރާނުން ރައްދު ދީފި އެވެ.

މިކަމަށް ރައްދުދެއްވަމުން އީރާނުގެ ދިފާޢީ ވަޒީރު ޖެނެރަލް އަޙްމަދު ވަޙީދީ ވިދާޅުވީ އިސްރާއީލަށް އޮތީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް ރަތްރޮނގު ކަނޑައެޅުމުގެ ބަދަލުގައި އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމަށާއި އިސްރާއީލުގެ ޢުދުވާނީ ޢަމަލުތަކަށް އިސްރާއީލު އަމިއްލައަށް ރަތްރޮނގު ކަނޑައެޅުން ކަމުގަ އެވެ. ވަޙީދީ ވަނީ މެދުއިރުމައްޗަށް ވެސް އަދި ދުނިޔެއަށް ވެސް ނުރައްކަލީ އިސްރާއީލުތޯ ނޫނީ އީރާންތޯ ސުވާލު އުފައްދާފަ އެވެ.

ރައްޔިތެއްގެ މުޅި ބިމާއި މިލްކިއްޔާތު ފޭރިގަނެ އެބިމުގައި ބާރުގެ ބޭނުންކޮށްގެން ޣައިރު ޤާނޫނީ ދައުލަތެއް އުފައްދައިގެން އެބިމުގެ އަސްލު ވަޒަންވެރިން ގެތެރެއިން އެއްބަޔަކު ޤައުމުން ބޭރުކޮށް އަޅުވެތިކޮށްގެން އުޅެނީ އިސްރާއީލުނޫން ކޮން ޤައުމެއްތޯ އީރާނުގެ ދިފާޢީ ވަޒީރު ސުވާލުކުރެއްވި އެވެ. އަދި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ސިއްރުން ހަތިޔާރު އުފައްދައި އެހަތިޔާރުން އަވަށްޓެރި ޤައުމުތަކަށް ބިރުދައްކަނީ ވެސް އިސްރާއީލު ފިޔަވައި އެހެން ކޮން ޤައުމެއްތޯ އީރާނުގެ ދިފާޢީ ވަޒީރު ސުވާލުކުރެއްވި އެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އީރާނުގެ ނިއުކްލިޔާ މައްސަލަ މާބޮޑުކޮށްލައި އެއީ ދުނިޔެ އަށް ހުރި ބިރެއް ކަމަށް ދެއްކެވުމަށް މަސައްކަތް ކުރައްވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮންނަ އޮތުމުގެ މައްސަލައިގެ މަތިން ދުނިޔެ ހަނދާންނައްތާލުމުގެ ބޭނުމުގައި ކަމަށް ވެސް އީރާނުގެ މަސްއޫލުވެރިޔާ ޖެނެރަލް ވަޙިދީ ވިދާޅުވި އެވެ.

އިސްރާއީލު ގެންދަނީ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެޤައުމަށް ހުރަސްކުރުން މަނާ ރަތްރޮނގުތަކެއް އެކަށައެޅުމަށް ދުނިޔެއަށް ގޮވާލަމުންނެވެ. ނަމަވެސް މިގޮވާލުމަށް އިސްރާއީލަށް އެންމެ ބޮޑަށް ޙިމާޔަތްދޭ އެމެރިކާ ވެސް އިޖާބަ ދީފައެއް ނުވެ އެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އީރާނަށް ހުރަސްކުރުން މަނާ ރަތްރޮނގުތަކެއް ކަމަށް ވިދާޅުވެ އެކަމާ ބެހޭ ކުރެހުމެއް ވެސް ދައްކަވާފަ އެވެ. (އަލްޖަޒީރާ)