ޖިނާއީ ކޯޓާއި ފުލުހުންނާ ދެމެދު ގުޅުން ރަނގަޅުވެ، ޝަރީއަތްތަކަށް މީހުން ހާޒިރު ކުރުމުގައި ފުލުހުންގެ ފަރާތުން ކޯޓަށް އެއްބާރުލުންދޭން ފަށާފައިވާ ކަމަށް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.


ޖިނާއީ ކޯޓަށް ދޭން ޖެހޭ އެއްބާރުލުން ފުލުހުންގެ ފަރާތުން ނުލިބޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ޖިނާއީ ކޯޓުން މިދިޔަ އަހަރުން ފެށިގެން އައީ ބުނަމުންނެވެ. ނަމަވެސް މި ހަފުތާގައި އިސް ގާޒީ ވިދާޅުވީ ކޯޓާއި ފުލުހުނާ ދެމެދުގައި އޮތް ނުތަނަވަސްކަން ފިލައިފާވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ޖިނާއީ ކޯޓަށް އެއްބާރުލުން ދިނުމުގައި ފުލުހުންގެ ހިދުމަތް ފާހަގަ ކުރައްވާ ކަމަށެވެ. ހާއްސަކޮށް މީހުން ހާޒިރުކުރުމުގައި ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުން ކޯޓަށް ދޭން ފަށާފައިވާ ކަމަށް ވެސް އިސްގާޒީ ވިދާޅުވި އެވެ.


"ޖިނާއީ ކޯޓުން އެންމެ ހިތްހަމަޖެހޭ މިންވަރަށް ނުދޭ މީހުން ހާޒިރު ކޮށްދިނުމުގެ ބައެއް. އެހެންނަމަވެސް މި ފަހަކަށް އައިސް ފުލުހުންނާއި ކޯޓާ ދެމެދު ބޮޑު ޝަކުވާއެއް އޮތް މައްސަލަތަކެއް މިހާރަކު ނެތް،" އިސް ގާޒީ ވިދާޅުވި އެވެ. "ކޯޓުން ޝަކުވާ ކުރަން ޖެހޭ ވަރަށްވުރެ، ފުލުހުންގެ އެހީތެރިކަން ވަނީ ރަނގަޅުވެފައި،"


އިސް ގާޒީ ވިދާޅުވީ ކޯޓަށް މީހުން ހާޒިރު ކޮށްދިނުމުގައި ފުލުހުންގެ އެހީތެރިކަން އިތުރުވެފައި ވީނަމަވެސް ޑީޕީއާރްއެސްގެ އެހީތެރިކަމާއި އެއްބާރުލުން ޖިނާއީ ކޯޓަށް އަދިވެސް ނުލިބޭ ކަމަށެވެ.  


"މިހާރު ޖިނާއީ ކޯޓަށް ބޮޑު އެއް މައްސަލައަކަށް މިއޮތީ ޑީޕީއާރްއެއްގެ މައްސަލަ. އެކޮޅުގެ ދަތިތައް އެ ގޮތުގައި އެބައޮތް،" އިސް ގާޒީ ވިދާޅުވި އެވެ.


ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޯޓްތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ ވަކި ފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތް ކުރުމަށްޓަކައި ގާނޫނާއި ގަވައިދުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުން ވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެ ތިބި އެންމެހާ މީހުން ކޯޓްތަކަށް އެހީތެރިވާންވާނެ ކަމަށެވެ.