ހުޅުމާލެ ފޭސް ދޭއްގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް-7 ފްލެޓް ކައިރީގައެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާ އަށް އަންނަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންނެވެ. އެއީ ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޓެކްސީއެއް އޮތީ މަގުގެ އެއް އަރިމަތީގައި އޮންނަ ސައިކަލު ލޭނުގައި މަޑުކޮށްގެންނެވެ. އަދި އެ ޓެކްސީގެ ކުރިމަތީގައި ސައިކަލެއް ވެއްޓި، ކަހައިގެން ގޮސްފައި އޮތް މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

އަދި ކުއްޖާގެ ބޮލުން ބައިވަރު ލޭ އައިސްފައި އޮތްތަން ވެސް ފެނެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާގައި ޝާމިލުވާ ފަރާތްތަކުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.