ބާލިން (ސެޕްޓެމްބަރ 30) : ދަތްތަކުގެ ސާފުކަމަކީ ހިތުގެ ބައްޔާއި ވަރަށް ގުޅުން ބޮޑުކަމެއް ކަމަށް ދަތުގެ ސިއްޙަތާބެހޭ ޖަރުމަނުގެ ޖަމްޢިއްޔާއިން ބުނެފި އެވެ.

އެ ޖަމްޢިއްޔާގެ ތަޖްރިބާކާރެއް ކަމަށްވާ ޕްރޮފެސާ ޑިޓްރޮމޮންޑް އޮސްތްރައިޗް ބާލިންގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދަތްތައް ވަރަށް ރަނގަޅަށް ސާފުނުކުރާނަމަ ހިތުގެ ބަލިޖެހުން ވަރަށް ގާތްކަމުގަ އެވެ. ދަތުގެ އިތުރުން ހިރުގަނޑުގެ ސިއްޙަތަކީވެސް ހިތުގެ ބައްޔާ ގުޅުންބޮޑު ކަމެއްކަމަށާއި ހިރުގަނޑު ހަލާކުވެ ހިރުގަނޑަށް ބަލިޖެހިފައިވާނަމަ ހިތުގެ ބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ޕްރޮފެސާ ޑިޓްރޮމޮންޑް ވިދާޅުވި އެވެ. ދަތުގެ ސިއްޙަތާބެހޭ ޖަރުމަނުގެ ޖަމްޢިއްޔާއިން ދަތުގެ ބަލިތަކާބެހޭ މަޢުލޫމާތު ދިނުމަށް ބާލިންގައި ބޭއްވި ހުޅުވާލެވިފައިވާ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕްރޮފެސާ ޑިޓްރޮމޮންޑް ގޮވާލެއްވީ އެއްވެސް މީހަކު ދަތަށާއި ހިރުގަނޑަށް އިހްމާލް ނުވުމަށެވެ.

ދަތަށާއި ހިރުގަނޑަށް އިހްމާލްވެ އަނގާގައި އާދަޔާ ޚިލާފަށް ބެކްޓީރިޔާ ގިނަވެއްޖެނަމަ ހިތުގެ ބަލީގެ އިތުރުން ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ކެންސަރު ޖެހުމުގެ ފުރުސަތުވެސް އެތަށް ގުނައަކަށް ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ގޮވާލެއްވީ މަދުވެގެން ދުވާލަކު ދެފަހަރު ފްލޮރައިޑް ހިމެނޭ ބޭހަކުން ދަތްއުނގުޅުމަށާއި އަހަރަކު ދެފަހަރު ދަތާއި ހިރުގަނޑު ޑޮކްޓަރަށް ދެއްކުމަށެވެ. އުރުމުން ދުވަސްވާވަރަކަށް ހަށިގަނޑުގެ ދިފާޢީ ބާރު ދެރަވާނެ ކަމަށާ އޭގެ ނަތީޖާއަކީ އަނގާގައި ބެކްޓީރިޔާ ގިނަވުން ކަމަށާއި މީގެ އަސަރު ކުޑަކުރެވޭނީ އުމުރުން މައްޗަށް ދިޔަވަރަކަށް އަނގަ ސާފުކޮށް ދަތްތަކަށާއި ހިރުގަނޑުގެ ސިއްޙަތަށް ބަލައިގެން އުޅުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ދަތްއުނގުޅުމުގެ އިތުރުން ދެދަތްދޭތެރެ ސާފުކުރުމަށްޓަކައި އެކަމަށް ބޭނުންކުރާ ރޮދި ބޭނުންކޮށްގެން ދެދަތްދޭތެރެ ސާފުކުރުމަށްވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

އަދި ދަތްއުނގުޅުމަށްފަހު އަނގަ ދޮވުމަށް ބޭނުންކުރާ އެންޓި ބެކްޓީރިއަލް ސޮލިއުޝަނަކުން ކޯ ދޮވުމަށްވެސް ޕްރޮފެސާ ޑިޓްރޮމޮންޑް އިލްތިމާސް ކުރެއްވި އެވެ. (ޖަރުމަނު ނޫސް އެޖެންސީ)