ކުރިއަށް އޮތް 2028ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ގިނަ މެންބަރުން ގޮވާލުމާ ގުޅިގެން އެކަމާ ހިތްހަމަޖެހިވަޑައިނުގެން އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް 'ބޮޑު ބަދަލު' ގްރޫޕުން ނުކުމެއްޖެއެވެ.

މީގެ ކުރިން އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ވެސް ރައްދުކުރެއްވި ދެ ބޭފުޅުން އެކުގައި މަސައްކަތްކުރައްވާތާ މިހާރު ވަނީ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައެވެ.

ދެ ބޭފުޅުން އެކުގައި 'ބޮޑު ބަދަލު'ގެ ނަމުގައި ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ދެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގިނަ ބަދަލުތަކެއް ހުށަހެޅުއްވިއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއް ގޮތުގައި ހަމަޖެއްސުން ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކާ ގުޅޭ ގޮތުން ވެސް ގިނަ ބަދަލުތަކެއް ވަނީ ހުށަހަޅާފައެވެ.

އެކަން އިއުލާނުކުރެއްވި ދުވަހު ފައްޔާޒް ވެރިކަމަށް ގެންނަން ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ޕާޓީގެ ރިޔާސީ ޓިކެޓަށް ފައްޔާޒު އެންޑޯސްކުރައްވައިފައެވެ.

ނަމަވެސް އެފަހުން ނަޝީދު ރިޔާސީ ރޭހަށް ނުކުންނެވުމަށް ޕާޓީގެ އެތެރޭގައި ގޮވައިލާ ގޮވާލުންތައް ވަނީ ގިނަވެފައެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި 'ބޮޑު ބަދަލު' ވަޓްސްއެޕް ގްރޫޕުގައި ވެސް ޕާޓީގެ ގިނަ މެންބަރުން ވަނީ ނަޝީދު ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ގޮވައިލާފައެވެ. އެއާއެކު ފައްޔާޒު ވަނީ އެ ގްރޫޕުން ނުކުމެފައެވެ.

'ބޮޑު ބަދަލު' ވަޓްސްއެޕް ގްރޫޕުން ނުކުތުމުގެ ކުރިން ފައްޔާޒް ލިޔުއްވި މެސެޖެއްގައި ބުނީ އެ ގްރޫޕް އުފެއްދުމުގެ ބޭނުން މިހާރު ކެނޑިފައިވާ ކަމަށެވެ. އަދި އެ ގްރޫޕުގެ ސަބަބުން ޕާޓީގެ އެތެރޭގައި ބޭކާރު މައްސަލަތަކެއް އުފެދުމުގެ ފުރުސަތު ބޮޑުވާހެން ހީވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ހަމައެއާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި ކުރިމަތިލާން ބޭނުންފުޅުވާ ބޭފުޅުން އެކަން ކުރައްވާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް 'ބޮޑު ބަދަލު' އަކީ މި ގައުމަށް ނުހަނު ބޭނުންތެރި އަދި މުހިންމު ބަދަލެއްކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ އެ ގްރޫޕުން ނުކުމެފައެވެ.

ވީމާ އަޅުގަނޑު މި ގްރޫޕުން ވަކިވެލާނަން. ބޮޑު ބަދަލަކީ މި ގައުމަށް މުހިންމު މަސައްކަތެއް. އެކަމުގައި ވީހާވެސް ގިނަ ބޭފުޅުން އެހީތެރިކަން ބޭނުންވާނެ. ހުރިހާ ބޭފުޅުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ،ފައްޔާޒު އިސްމާއީލް

'ބޮޑު ބަދަލު' މެނިފެސްޓޯގެ މައިގަނޑު ބޭނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކަންކަން އިސްލާހުކޮށް، ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ ވެސް މި 'ބޮޑު ބަދަލު' ގެ ދަށުން ކުރިއަށްގެންދިޔަ ވަރުގަދަ ކެމްޕެއިންތަކަށް ފަހުގައެވެ. ހަމައެއާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ' އެ ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި ގާއިމުކޮށް، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒް ޙަސަން ލަތީފު އައްޔަނުކުރައްވައި ރަސްމީކޮށް އެ މަސައްކަތްތައް ވަނީ ފަށައިފަ ވެސްމެއެވެ.

މި ނިންމުމަކީ ޕާޓީގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޕާޓީގެ މެންބަރުން އޭރު ވެސް ދިޔައީ ސިފަކުރަމުންނެވެ.

ނަމަވެސް އެ ޕާޓީގެ އެތެރެއިން 'ސަން' އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މި ބަދަލު ގެނައުމުގެ ފަހަތުގައި އިސްކޮށް ހުންނެވި އެއް ބޭފުޅާ މިހާރު މިވަނީ އެކަމުން ދުރަށް ވަޑައިގެންފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ބަދަލުތަކެއް އައިސް އިތުރު ފެކްޝަނެއް އުފެދިދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.