ޒިނޭގެ ހައްދު ޖެހުމަށާއި ތައުޒީރު ކުރުމަށް ކޯޓުތަކުން ހުކުމް ކުރެވުނު ނިސްބަތް 2010 ވަނަ އަހަރާ ބަލާއިރު މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށް ޝަރުއީ ދާއިރާގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 2009 ވަނަ އަހަރު 135 މީހެއްގެ މައްޗަށް ޒިނޭގެ ހައްދު ޖެހުމަށާއި ތައުޒީރު ކުރަން ހުކުމްކޮށްފައިވާއިރު 2010 ވަނަ އަހަރު އެ އަދަދު ވަނީ 28.89 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

ޒިނޭގެ ހައްދު ޖެހުމާއި ތައުޒީރު ކުރުމަށް މިދިޔަ އަހަރު 121 މީހެއްގެ މައްޗަށް ހުކުމް ކުރެވުނެވެ. އެއީ 2010 ވަނަ އަހަރާއި އަޅާ ބަލާއިރު 26.04 ޕަސެންޓްގެ މަތީ އަދަދެކެވެ.

ތަފާސް ހިސާބުތަކުން ހާމަވިގޮތުގައި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން 11 ކުއްޖެއްގެ މައްޗަށް ޒިނޭގެ ހައްދު ޖެހުމަށް ހުކުމްކޮށްފައިވާއިރު އޭގެތެރެގައި ހިމެނެނީ ފިރިހެން ކުއްޖަކާއި 10 އަންހެން ކުދިންނެވެ. އަދި 18 އަހަރާއި 25 އަހަރާއި ދެމެދުގެ ހަ ފިރިހެނެއްގެ މައްޗަށް ޒިނޭގެ ހައްދު ޖެހުމަށް ހުކުމްކޮށްފައިވާއިރު ހަމަ އެ އުމުރުފުރާގެ 10 އަންހެނެއްގެ މައްޗަށް ވަނީ ޒިނޭގެ ހައްދު ޖެހުމަށް ހުކުމްކޮށްފަ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު 25 އަހަރާއި 40 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންގެ ތެރެއިން 21 އަންހެނަކަށް ޒިނޭގެ ހައްދު ޖެހުމަށް ހުކުމްކޮށްފައިވާއިރު ހަމަ އެ އުމުރުފުރާގެ ހަތަރު އަންހެނެއްގެ މައްޗަށް ވަނީ ޒިނޭގެ ހައްދު ޖެހުމަށް ހުކުމް ކޮށްފަ އެވެ.

މީގެ އިތުރުން 40 އަހަރުން މަތީގެ އެއްވެސް ފިރިހެނެއްގެ މައްޗަށް ޒިނޭގެ ހައްދު ޖެހުމަށް ހުކުމްކޮށްފައި ނެތްނަމަވެސް އެ އުމުރުފުރާގެ ހަތަރު އަންހެނެއްގެ މައްޗަށް ޒިނޭގެ ހައްދު ޖެހުމަށް ހުކުމްކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ހާމަވެއެވެ.

ތަފާސް ހިސާބުތަކުން ހާމަވިގޮތުގައި ފާއިތުވި ތިން އަހަރު ކުށް ސާބިތު ނުވެ ނިމުނު ޖިނާއީ މައްސަލަތައް ވަނީ އަހަރަކަށް ވުރެ އަހަރެއް ދަށަށް ގޮސްފަ އެވެ.

އެގޮތުން މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހުކުމް ކުރެވުނު ޖިނާއީ މައްސަލަތަކުގެ ތެރެއިން ކުށް ސާބިތުނުވެ ނިމުނީ 19 ޕަސެންޓް މައްސަލައެވެ. ބާކީ 81 ޕަސެންޓް މައްސަލައަކީ ކޮންމެވެސް މީހެއްގެ މައްޗަށް އަދަބުކަނޑައެޅި ހުކުމް ކުރެވިފައިވާ މައްސަލަތަކެވެ.