29 Sep 2012, 21:58
ކޮމަންވެލްތުގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް، ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ މިހާރު ނެތް ކަމަށް އެ ޖަމާއަތުން ސަރުކާރަށް ކަށަވަރުކޮށްދީފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ދިވެހި ރާއްޖެ ސީމެގްގެ އެޖެންޑާއިން އަދިވެސް ނުނަގާ ކަމަށް ބުނެ ކެނެޑާ ފޮރިން މިނިސްޓްރީން އާންމު ކުރި ބަޔާނާ ގުޅިގެން ދިވެހި ސަރުކާރުން ކޮމަންވެލްތްގެ ސެކްރެޓޭރިއަޓާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ފަހު މިރޭ އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ ސީމެގްގެ ޖަލްސާތަކުގެ "މެޓާޒް އޮފް އިންޓަރެސްޓް" ނުނީ ޖަލްސާގެ ޝައުޤުވެރިކަން ހުރި ކަންކަމުގެ ތެރެއަށް ރޭގެ ބައްދަލުވުމުގައި ރާއްޖެ ބަދަލުކުރެވިފައިވާ ކަމަށާއި އެހެންކަމުން ސީމެގްގައި ކަންތައްތައް ހިނގާގޮތަށް ބަލާއިރު ރާއްޖެއާ ބެހޭ އެއްވެސް މައްސަލައެއް ވަކި ކަމެއްގެ ގޮތުގައި ނުވަތަ ވަކި އެޖެންޑާ އައިޓަމެއްގެ ގޮތުގައި ސީމެގްގައި މަޝްވަރާ ކުރެވިގެންނުދާނެ ކަމަށެވެ.
" ސީމެގްގެ ރަސްމީ އެޖެންޑާގައި ޤައުމެއް ހިމެނޭނީ، އެޖެންޑާގައި ހިމެނޭނޭ ފަދަ ޙާލަތެއް މެދުވެރިވެގެން ކަމާއި، ސީމެގްގެ ރަސްމީ އެޖެންޑާއިން ޤައުމެއް ނެގުމަށްފަހު، [ޝައުޤުވެރިކަން ހުރި މައްސަލަތަކުގެ] ތެރޭގައި އެ ޤައުމަކާ ބެހޭގޮތުން މަޝްވަރާކުރިނަމަވެސް، އެއީ ސީމެގްގެ ރަސްމީ އެޖެންޑާގައި ގައުމެއް ހިމެނޭނޭ ހާލަތެއް ނޫންކަން،" ބަޔާނުގައިވެ އެވެ. "ސީމެގްގެ ކަންކަން ހިނގާގޮތުގެ އުޞޫލުތަކަށް ބަލާއިރު، މިގޮތަށް ހަމަޖެހުމުން، ރާއްޖެއާ ބެހޭ އެއްވެސް ކަމެއް ވަކި މައްސަލައެއްގެ ގޮތުގައި ނުވަތަ ވަކި އެޖެންޑާ އައިޓަމެއްގެ ގޮތުގައި ސީމެގްގައި މަޝްވަރާ ކުރެވިގެންނުދާނޭކަމާއި، ރާއްޖެއާ ބެހޭގޮތުން، އެއްވެސް މަޝްވަރާއެއް ކުރެވޭނީ، ސީމެގް ރަސްމީ އެޖެންޑާގައި ނުހިމެނޭ ޤައުމުތަކެކޭވެސް އެއްފަދައިންކަން،"
ސީމެގްގެ ރަސްމީ އެޖެންޑާގައި، އެއްވެސް ޤައުމެއް ހިމެނުމަކީ، ސީމެގްގެ ވަކި އުޞޫލުތަކެއްގެ ތެރެއިން ކުރެވޭ ކަމެއްކަން ފާހަގަކުރަމުން ބަޔާނުގައި ބުނެފައިވަނީ ސީމެގްގެ ރަސްމީ އެޖެންޑާގައި ޤައުމެއް ހިމެނިއްޖެނަމަ އެއީ ވަކި ޤާނޫނީ ޙާލަތަކަށް އެ ޤައުމެއް ވާސިލުވުމުން ކަމަށެވެ. އަދި ޤައުމެއް ސީމެގްގެ އެޖެންޑާއިން ނެގުމަކީ އެ ޤައުމެއް ކުރީގައިވެސް އޮތް އާންމު ޤާނޫނީ ޙާލަތު ބަދަލުވެގެންގޮސް އެ ޤައުމު ކުރީގައި އޮތް ޙާލަތަށް ގެންދެވޭ ހަމައެއްކަމަށެވެ.
"ރާއްޖެ، ސީމެގްގެ ރަސްމީ އެޖެންޑާގައި ހިމެނުމާއި ގުޅިގެން ސީމެގްގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ސީމެގްގެ ޖަލްސާތަކުގައި ބައިވެރިނުވެވޭނޭ ގޮތަށް އޮތްއޮތުންވެސް އިއްޔެގެ ޖަލްސާގައި ނިމުމަކަށް އައިސް، ސީމެގްގެ ދެން އެންމެ އަވަހަށް އޮންނަ ޖަލްސާއެއްގައި ރާއްޖެއަށް ބައިވެރިވެވޭނޭ އެވެ،" ބަޔާނުގައިވެ އެވެ.
އަދި އެ ބަޔާނުގައި ބުނެފައިވަނީ ސީމެގްގެ ރޭގެ ބައްދަލުވުމުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް މުއައްސަސާތައް ވަރުގަދަ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކޮށް އެކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކޮމަންވެލްތުގެ ރޭގެ ބައްދަލުވުމުން ނިންމި ކަމަށެވެ.
"ކެނެޑާގެ ފޮރިން މިނިސްޓްރީގެ ބަޔާނާ ގުޅިގެން، ދިވެހި ސަރުކާރުގެ ފަރާތުންވަނީ، ކޮމަންވެލްތްގެ ސެކްރެޓޭރިއަޓާ ގުޅައިގެން މަތީގައިވާ ކަންކަން ޔަޤީންކޮށްފައެވެ."
ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއަޑް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ؛ " ސީމެގް ގެ އެޖެންޑާގައި ރާއްޖެ ބާއްވަން އެހެން ގައުމުތަކާ އެކު ކެނެޑާ އިން މަސައްކަތް ކުރި ކަމަށާއި އެ އެޖެންޑާގައި ރާއްޖެ އަދި ވެސް އޮތުމުން ހިތްހަމަޖެހޭ" ކަމަށެވެ.
ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނީ ފެބުރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވުމުގައި ކަންބޮޑުވާ ކަންތައްތަކެއް ހުރިކަމަށް ބުނެ މިދިޔަ ފެބުރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.