އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ކުރުމާއެކު މުވައްޒަފުންގެ މުސާރަ ކުޑަވެފައިވާ ކަމަށް އެ މުވައްޒަފުން ބުނެފި އެވެ.

އެއާޕޯޓުގައި މަސައްކަތް ކުރާތާ ހަތަރު އަހަރުވެފައިވާ މުވައްޒަފަކު ސަން އޮންލައިންއަށް މިއަދު ބުނީ މުވައްޒަފުންނާއެކު ޖީއެމްއާރުން ހަދާފައިވާ ކޮންޓްރެކްޓް މިދިޔަ މަހު އާ ކުރިއިރު ކުރިން ދެމުން އައި ވަރަށް ގިނަ އެލަވަންސްތަކެއް ކަނޑާލާފައިވާ ކަމަށެވެ. އެހެންކަމުން މި މަހު މުސާރަ ލިބުނު އިރު އޯވަރޯލްކޮށް ހުރިހާ މުވައްޒަފުންގެ މުސާރައިން ވެސް 1000ރ. އާއި 500ރ. އާ ދެމެދުގެ އަދަދެއް މަދުވެފައިވާ ކަމަށެވެ. ކަނޑާލި އެލަވަންސްތަކުގެ ތެރޭގައި ފުޑް އެލަވަންސާއި، އެޓެންޑެންސް އެލަވަންސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"މީގެ ކުރިން އަޅުގަނޑުމެންގެ ބޭސިކް ސެލަރީ އިންނަނީ 3600ރ. މި ކޮންޓްރެކްޓް އާ ކުރުމާއި އެކު އަޅުގަނޑުމެންގެ ފުޑް އެލަވަންސެއް ވެސް ނެތް، ހަމައެކަނި ބޭސިކް ސެލަރީ 6000ރ. ބޮޑުކުރީ، އެކަމަކު އެއްކަލަ އެލަވަންސްތައް، އެއީ ގަޑި ނުޖެހި އެއާޕޯޓަށް އެރީމަ ދޭ އެލަވަންސާ މި ކަހަލަ އެލަވަންސްތައް ކަޑާލީމައި ކުރިން ޖެހޭ 11،000ރ. ނޫނީ 12،000ރ. ނުލިބޭ. ހަމަ ހުރިހާ ޑިޕާޓްމަންޓްތަކުގައި ވެސް މިހެން،" އޭނާ ބުންޏެވެ.

ލައިފްޓައިމް އަށް ކޮށްފައިވާ އެ ކޮންޓްރެކްޓާބެހޭ ގޮތުން އޭނާ ބުނީ ކޮންޓްރެކްޓްގެ ސަބަބުން އެއާޕޯޓުގެ ސީނިއާ މުވައްޒަފުންނާއި އަލަށް ވަންނަ މުވައްޒަފުންގެ މުސާރައިގައި ވެސް މާބޮޑު ތަފާތެއް ނުހުންނަ ކަމަށެވެ. ކޮންޓްރެކްޓް އާ ކުރާއިރު މުސާރަ ބޮޑުކޮށްދޭން ޖީއެމްއާރުން މުވައްޒަފުންނަށް ވައުދުވެފައިވާ ކަމަށް ވެސް ބުންޏެވެ.

"އެހެނެއް ނޫން މިވީ، ބޮޑު ވައުދެއ ކޮށްފައި މުސާރަ ވެސް ބޮޑެއް ނުވި، މިއީ ވީގޮތަކީ، އަޅުގަނޑު އެކަންޏެއް ނޫން 14 މުވައްޒަފަކު ތިއްބާ އަޅުގަނޑުމެންގެ ހެޑް ބުނި ކޮންޓްރެކްޓް އާ ކުރުމުން އުފަލުން ގޮސްފައި ތިމަންނައަށް އެޗްއައިއެޗް [ހުޅުލޭއައިލެންޑް ހޮޓަލް] އިން ސައިވެސް ދޭނޭ. ޔަގީނޭ މުސާރަ ބޮޑުވާނެކަން،" އޭނާ ބުންޏެވެ.

ސަންއާ ވާހަކަދެއްކި ޖީއެމްއާރުގެ އެހެން ދެ މުވައްޒަފަކު ވެސް ބުނީ އެ މީހުންނަށް މި މަހުގެ މުސާރަ ލިބިފައިވާއިރު ގިނަ އެލަވަންސްތަކެއް އުނިކޮށްފައިވާ ކަމަށާއި އެހެންކަމުން ކުރިން ލިބެމުން އައި ވަރަށް މި މަހުގެ މުސާރަ ނުލިބޭ ކަމަށެވެ.

މައްސަލައިގެ ބާވަތުން އެއްވެސް މުވައްޒަފަކު ނަންހާމަކުރާކަށް ބޭނުމެއްނުވި އެވެ.

މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެން އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން މިއަދު ވިދާޅުވީ ކޮންމެ މުވައްޒަފަކަށް ވެސް ކޮންމެވެސް ވަރަކަށް ފައިސާ އުނިކޮށްފައި ހުންނާނެ ކަމަށާއި އެ ފައިސާ އުނިކޮށްފައިވަނީ އަލަށް ސޮއިކުރި އެގްރިމަންޓުގައި ބުނެފައިވާ ގޮތަށް އެކަމަށް މުވައްޒަފުން ވެސް އެއްބަސްވެގެން ކަމަށެވެ.

"މިސާލަކަށް އިންޝުއަރެންސް ޕްރިމިއަމް އަށް ދައްކާ ފައިސާ މުވައްޒިފުން ދެއްކުން، މިއީ މުވައްޒަފުން އެމީހުން އަމިއްލައަށް ސޮއިކޮށްފައިވާ ކަންތައްތައް، ނަމަވެސް އެއްވެސް މުވައްޒިފަކަށް އެއްލާރި ނޫނީ ބައިރުފިޔާވެސް މަދެއް ނުވާނެ ކުރީގެ ކޮންޓްރެކްޓްގެ ދަށުން އެމީހުންނަށް ލިބެމުންދިޔަ ވަރާ ބަލާފައި. ޔަގީންކަން ދެން ކުރިންވެސް ލިބެމުން ދިޔަވަރު ލިބޭނެ ކަމަށް،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާދަމާގެ ވަގުތެއްގައި މުވައްޒަފުންނަށް މުސާރަ ސްލިޕް ލިބޭނެ ކަމަށާއި އޭރުން މުސާރައިގެ ތަފްސީލްތައް ފެންނާނެ ކަމަށެވެ. އަދި ސްލިޕް ބެލުމަށް ފަހު މައްސަލައެއް އޮތް މުވައްޒަފެއް ނަމަ އެ ޝަކުވާއެއް ކުންފުންޏަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަދި މާއަވަސް ކަންނޭންގެ ކަމެއް ލަފާ ކުރަން، އާދިއްތަ ދުވަހު ސްލިޕް ލިބެންދެން މަޑުކުރުން ރަނގަޅުވާނެ، މާދަމާ ސްލިޕް ލިބުނީމަ އަޅުގަނޑުމެންގެ ފަރާތުން މައްސަލައެއް އޮތް ނަމަ އެކަމެއް ވަގުތުން ރަނގަޅުވެސް ކޮށްދޭނަން،" އެންޑްރޫ ވިދާޅުވި އެވެ.

މުވައްޒަފުންނާމެދު ގޯސްކޮށް ކަމެއް ކުރުމުގެ އެއްވެސް ނިޔަތެއް އެ ކުންފުނީގައި ނެތް ކަމަށާއި ކުންފުނިން ބަލަނީ އަބަދުވެސް މުވައްޒަފުންނަށް އެންމެ ރަނގަޅަށް ކަންތައްކޮށްދެވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑޮލަރު ބޭނުންވާ މުވައްޒަފުންނަށް ޑޮލަރުން މުސާރައިގެ ބައެއް ދިނުމާއި، މިހެން ގޮސް ކަންކަން މުވައްޒަފުންނަށް އަޅުގަނޑުމެން ފަހިކޮށްދެމުން މިދަނީ، އަޅުގަނޑުމެން އެހެން ނޫނީ ކީއްކުރަންތޯ އެގޮތަށް ކަންތައް ކުރަންވީ،" އެންޑްރޫ ވިދާޅުވި އެވެ.

ޖީއެމްއާރުން އެ ކުންފުނީގައި މަސައްކަތް ކުރާ 1500 މުވައްޒަފުންގެ އެއްބަސްވުން އާ ކުރީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކޮންޓްރެކްޓްތަކުގެ މުއްދަތު ހަމަވާތީ އެވެ. އަދި ކޮންޓްރެކްޓްތައް އާ ކޮށްފައިވަނީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ޖީއެމްއާރުގެ މިހާރުވެސް މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އައިލެންޑް އޭވިއޭޝަންގެ ގްރައުންޑް ހޭންޑްލިން އަދި އިންފްލައިޓް ކޭޓަރިންގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނެވެ.