08 Sep 2010, 09:24
14:30
ހެންވޭރު ދަނޑު ކައިރީގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ހެންވޭރު ދަނޑުގެ އިރުމަތީ މަގުގައި ހުންނަ އޮފްޑޭ އިންގައި މަރުވެފައި އޮތީ 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.
އެ ގެސްޓް ހައުސްގެ ރިސެޕްޝަނުން ބުނީ އެ މީހާ އެ ގެސްޓް ހައުސަށް ޗެކިންކުރީ އިއްޔެ މެންދުރެއްހާއިރު ކަމަށާއި އޭގެ ފަހުން އޭނާ ބޭރުން ނުފެންނަ ކަމަށެވެ. ފުލުހުން ވަތްއިރު އޭނާ މަރުވެފައި އޮތީ އެނދުމަތީގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުން ގޮސް އެ މީހާ އެމްބިއުލާންސަށް ލީއިރު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ހަރުވެފައިވާ ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސް، ހަށިގަނޑު ޗެކްކުރަމުން އަންނަ ކަމަށެވެ. އެ މީހާގެ ތަފްސީލް ހާމަކުރެވޭނީ ޑޮކްޓަރު ބަލައި ފާސްކުރުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ ގެސްޓް ހައުސްގައި ފުލުހުންގެ ފޮރެންސިކް ޓީމުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލުމާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ މީހުންތަކެއް، މީގެ ދުވަސްކޮޅެއް ކުރިން ވަނީ މި ގެސްޓް ހައުސް އިން ފެނިފަ އެވެ.