ކްރިސްޓިއަން ދީނުގެ ފޮތްތަކެއް ރާއްޖެ އެތެރެ ކުރި ދިވެއްސަކާއި ބިދޭސީއަކު ކަސްޓަމްސް އިން ހައްޔަރުކޮށްފި އެވެ.

ކަސްޓަމްސް ބިލްޑިންގައި މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޗީފް ކަސްޓަމްސް އޮފިސަރު އަހުމަދު ސިމާހު ވިދާޅުވީ އެ ދެ މީހުން ވެސް ރާއްޖެ އައިސްފައި ވަނީ ސްރީލަންކާގެ ކޮލަންބޯ އިން މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ސިމާހު ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން ފުރަތަމަ ރާއްޖެ އައީ އުމުރުން 44 އަހަރުގެ ބަންގްލަދޭޝްގެ ޖަތިސް ބިޝްވަސް ނަމަކަށް ކިޔާ މީހެއް ކަމަށާއި އޭނާގެ އަތުން ފެނިފައި ވަނީ ކްރިސްޓިއަން ދީނުގެ ތަފާތު އެކި މައުޟޫތަކަށް ދިވެހި ބަހުން ލިޔެފައިވާ 11 ފޮތް ކަމަށެވެ. އަދި ކަސްޓަމްސްގެ އޮފިސަރުން އޭނާއާއި ސުވާލު ކުރުމުން އެއީ ރާއްޖޭގައި ހުރި މީހަކާ ބައިވެރިވެގެން އެތެރެކުރި ފޮތްތަކެއް ކަމަށް އެމީހާ ބުނެފައިވާ ކަމަށް ވެސް ސިމާހު ވިދާޅުވި އެވެ.

"މީނައާ އަޅުގަނޑުމެން ސުވާލު ކުރި ކުރުމުން އެނގުނީ މިކޮޅުގެ ހުރި މީހަކާ ކޮންމެވެސް ވަރަކަށް ގުޅިގެން ރާއްޖެއަށް އެތެރެ ކުރަން އުޅުނު ތަކެތި ކަމަށް. މިކޮޅުގަ ހުރި މީހާގެ މައުލޫމާތު މި މަރުހަލާގަ އަދި ތަންކޮޅެއް ދަތި ހާމަކޮށްލަން،" ސިމާހު ވިދާޅުވި އެވެ.

އޭނާއަކީ ޓޫރިސްޓް ވިސާގައި އަލަށް ރާއްޖެ އައި މީހެއް ކަމަށާއި އޭނާ ރާއްޖެ އައީ މާލޭގެ ހޮޓަލެއްގައި ހުރުމަށް ބްކިން ހެދުމަށް ފަހު ކަމަށް ވެސް ސިމާހު ވިދާޅުވި އެވެ.

އޭނާ އެތެރެކުރި ފޮތުގެ ތެރޭގައި ހިމެނެނީ އެއީ "ތެދުމަގު" ގެ ނަން ދީފައިވާ ދެ ފޮތާއި "އުލުހިޔާގެ ފޮރުވިފައިވާ މާނަ" އިގެ ތިން ފޮތާއި "އިންޖީލާ މެދު އެނގެންޖެހޭ ހަތަރު ކަމެއް" ގެ ތިން ފޮތް އަދި "އަހަންނަށް އަޅާލާނެ މީހަކުވޭ ބާ؟" ގެ ތިން ފޮތް ކަމަށް ކަސްޓަމްސް އިން ބުންޏެވެ

އޭނާ ވިދާޅުވީ ބަނގްލަދޭޝްގެ މީހާ ރާއްޖެ އައިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިނގިރޭސި ބަހުން ލިޔެފައިވާ ކްރިސްޓިއަން ދީނުގެ ފޮތްތަކެއް ހިފައިގެން ރާއްޖެ އައި ދިވެއްސަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމިހާ އާ ބެހޭ މައުލޫމާތެއް އޭނާ ވިދާޅެއް ނުވެއެވެ.

އެ ދެ މީހުންނާއި އެ ދެ މީހުން އެތެރެކުރި ފޮތްތައް ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށާއި ކަސްޓަމާއި ފުލުހުން ގުޅިގެން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ސިމާހު ވިދާޅުވި އެވެ.