29 Sep 2012, 15:34
އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން ދުނިޔޭގައި ހުންނެވި އިރު އޭނާއާ ގުޅުން އޮތް އީރާނުގެ ހަނގުރާމަވެރި ޖަމާއަތެއް އެމެރިކާގައި ގެންގުޅޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފި އެވެ.
އީރާނުގެ މުޖާހިދީނޭ ޚަލްގު( އެމްއީކޭ) ނަމަކަށް ކިޔާ ހަނގުރާމަވެރި ޖަމާއަތް އެމެރިކާގެ ލިސްޓުން އުނިކުރި ނަމަވެސް އެ ޖަމާއަތަކީ އީރާނުގެ ވެރިކަން ބަދަލުކުރެވޭ ފަދަ އިދިކޮޅު ސިޔާސީ ބައެއް ކަމަށް، އެ ޖަމާއަތުން ކުރާ ދައުވާއަށް އެމެރިކާ އިން ވަނީ ވަރުގަދައަށް ދެކޮޅުހަދާފަ އެވެ.
އެމްއީކޭ އެމެރިކާގެ ޓެރާ ލިސްޓުން އުނިކުރިކަން ހާމަކުރަމުން އެގައުމުގެ ސްޓޭޓް ޑޕާޓްމަންޓުން އިއްޔެ ބުނެފައި ވަނީ އެ ޖަމާއަތުން ޓެރަރިޒަމްގެ އެއްވެސް އަމަލެއް ނުހިންގާތާ ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
އަދި އީރާނާ އިރާގު ގުޅޭ ސަރަހައްދީ ރޮނގުގެ އިރާގު ފަޅީގައިވާ އެ ޖަމާއަތުގެ 3000 މެމްބަރުން ސުލްހަވެރިކަމާ އެކު ފޮނުވާލާފައި ވާތީ އެކަން ފާހަގަކުރާ ކަމަށާއި އެމެރިކާގައިވާ އެ ޖަމާއަތުގެ މިލްކިއްޔާތުތައް ދޫކޮށްލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އެމްއީކޭއާ އެކު އެމެރިކާގެ ރައްޔިތުން ވިޔަފާރި ކުރުން ވެސް އެގައުމުން ވަނީ ހުއްދަކޮށްފަ އެވެ.
އެމްއީކޭއަކީ އީރާނުގެ ޝާހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެގައުމުގެ ދީނީ އިލްމުވެރިނަނަށް އެހީތެރިވުމުގެ އިތުރުން ބޮމުގެ ހަމަލާތަކެއްގައި އެގައުމުގެ ކުރީގެ ސަރުކާރުގެ އިސްބޭފުޅުން އަވަހާރަކޮށްލި ޖަމާއަތެކެވެ. އަދި އީރާނު އިރާގު ހަނގުރާމައިގާ އެޖަމާއަތުން ވަނީ އިރާގު ސިފައިންނާ އެކު އީރާނާ ދެކޮޅަށް ހަނގުރާމަ ވެސްކޮށްފަ އެވެ.