މި އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ ނަގާފައިވާ މަލީޝާ ހައްޖު އެންޑް އުމުރާ ގްރޫޕުގެ އިސްފަރާތް، އިސްމާއިލް އަބްދުލްލަތީފު، ހުޅުމާލެ، އާފިނި ވިލާ، 42އ. (ފޮޓޯ) ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރެއްދީފި އެވެ.

ފުލުހުންގެ މީޑީޔާ އޮފިޝަލް، ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަން ފެށުމާ އެކު، އިސްމާއީލު އަބްދުލްލަތީފު ރާއްޖެ އިން ބޭރަށް ފުރުއްވާފައި ވާތީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އިއްޔެ ކަމަށާއި އެ އަމުރު މިހާރު ލިބިފައިވާ ކަމަށެވެ. އިސްމާއީލު އަބްދުއްލަތީފު ބޭރަށް ގޮސްފައި ވާތީ އޭނާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އިސްމާއިލް އަބްދުއްލަތީފަކީ ރާއްޖޭގައި ފުރަތަމަ ގްރޫޕް ހަދައިގެން މީހުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ހިންގެވި، މަޝްހޫރު އަތަމާ ހައްޖު ގްރޫޕްގެ ވެރިޔާ އަތަމާ އަބްދުއްލަތީފުގެ ދަރިކަލުންނެވެ.

މަލީޝާ ގްރޫޕޫން 175 މީހެއްގެ އަތުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނަގާފައިވެ އެވެ. އޭގެ ތެރެއިން 54 މީހަކު ފުލުހުންނަށް ވަނީ މައްސަލަ ވެސް ހުށަހަޅައިފަ އެވެ. އިއްޔެ ބަޔާނެއް ނެރެ ފުލުހުން ބުނެފައި ވަނީ އެ ޖަމާއަތަށް ފައިސާ ދެއްކި އެންމެންގެ މައުލޫމާތު ބޭނުންވާ ކަމަށެވެ.

ހަނީފު ވިދާޅުވީ އެ އެންގުމާ ގުޅިގެން އެ ޖަމާއަތަށް ފައިސާ ދެއްކި އިތުރު އަށް މީހަކު ފުލުހުންނަށް މިއަދު މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އެ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ޖުމްލަ 62 މީހެއްގެ މައުލޫމާތު ފުލުހުންނަށް ވަނީ ލިބިފަ އެވެ.

ހައްޖަށް ނުދެވުނު މީހުންގެ އާއިލާތަކުން ސަން އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ޖަމައާތަށް 68000ރ. ދައްކާފައިވާ ކަމަށާއި ފައިސާ ދެއްކީ ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން އެ ޖަމައަތުން ދިނުމުން ކަމަށެވެ. އަދި ބުނީ އެ ޖަމާއަތުން ދީފައި ހުރި ނަމްބަރުތަކަށް މިހާރު ނުވެސް ގުޅޭ ކަމަށެވެ. އެ ޖަމާއަތުގެ އޮފީސް ވެސް ބަންދުކޮށް ނަންބޯޑު ވެސް ނަގާފައިވާ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ޖަމާއަތުން މީހުން ހައްޖަށް ގެންދިޔުމަށް މަސައްކަތްކުރީ ސްރީލަންކާ އަށް ލިބިފައިވާ ހައްޖު ކޯޓާގަ އެވެ. ނަމަވެސް އެހެން ގައުމެއްގެ ކޯޓާއެއްގައި ދިވެހިން ހައްޖަށް ގެންދިޔުމަކީ މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މަލީޝާ ހައްޖު ގްރޫޕަކީ މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ އޮންނަ ޖަމާއަތެއް ނޫންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މަލީޝާ ހައްޖު ޖަމާއަތުން ނެގި ފައިސާގެ ޖުމްލަ 11.9 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.