29 Sep 2012, 13:54
ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލުވާލައިފި ނަމަ މަޖިލީހުގެ ރައީސްގެ އިޒުނައާ އެކު މެންބަރުން ޖަލްސާ ކުރާ މާލަމުން ނެރުމުގެ ބާރު ލިބިފައިވާ ސާޖަންޓު އެޓް އާމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ޓަކައި އަންނަ އަހަރު މަޖިލީހުގެ ބަޖެޓްގައި ފައިސާ ހިމެނުމަށް ނިންމައިފި އެވެ.
މަޖިލީހުގެ ބަޖެޓް ސެކްޝަނުން އާންމު ކޮމެޓީ އަށް ފޮނުވި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ސާޖަންޓް އެޓް އާމްސް އާއި އިންޓާނަލް އޮޑިޓަރަކާއި 27 މުވައްޒަފުން އިތުރުކުރަން ޖެހޭތީ 7.4 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ޓަކައި މިދިޔަ އަހަރު ވެސް މަޖިލީހުން އިއުލާން ކުރި އެވެ. ނަމަވެސް އެ މަގާމުތަކަށް ކުރިމަތިލެއްވި ފަރާތްތައް މަޖިލީހުން ކަނޑައެޅި ކްރައިޓީރިއާތަކުން އެކަށީގެންވާ ވަރަށް މާކްސް ލިބިވަޑައި ނުގަތުމުން އެ މަގާމަށް ބޭފުޅަކު އައްޔަނެއް ނުކުރާ ކަމަށް މަޖިލީހުން ބުންޏެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސާޖަންޓް އެޓް އާމްސްގެ މައްސޫލިއްޔަތަކީ މަޖިލީހުގެ ޖަލްސާތައް ހިނގަމުންދާ ވަގުތުގައި މަޖިލީހުގެ ޖަލްސާތަކުގައި ހާޒިރުވެ އިނުމާއި މަޖިލީހުގެ ރައީސް އަންގަވާ ގޮތުގެ މަތިން މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލުމެވެ. އަދި މަޖިލީހުގެ ރައީސް ކުރާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރު ތަންފީޒު ކުރުމާއި އިމްތިޔާޒާ ގުޅޭ އުސޫލުތައް ތަމްފީޒު ކުރުމެވެ.
ސާޖަންޓް އެޓް އާމްސްގެ މަގާމަށް އައްޔަން ކުރާ ބޭފުޅެއްގެ ތައުލީމާއި ތަޖުރިބާއަކީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައި ވުމާއި ރައްޔިތުންގެ މަޖިލީހަށް ގާނޫނީ ލަފަޔާއި މަޝްވަރާ ދެވޭ ފެންވަރުގެ މީހަކު ކަމުގައިވުމެވެ. އަދި އެމަގާމަށް އައްޔަން ކުރާ ބޭފުޅެއްގެ މުސާރައަކީ 32،000ރ. ކަމަށް މަޖިލީހުން ބުންޏެވެ.