29 Sep 2012, 13:58
މަޓާޓޯ އިން ދޭ "ޖީއެމްއާރު މޯލްޑިވްސް ޓްރެވަލް އެވޯޑް"ގެ އެންމެ ގިނަ ވަނަތައް ވިލާގެ ސަން އައިލެންޑަށް ލިބިއްޖެ އެވެ.
ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ހަތަރު ކެޓަގަރީއަކުން ސަން އައިލެންޑް ރިޒޯޓަށް ވަނީ އެވޯޑް ލިބިފަ އެވެ.
އޮންލައިން ވޯޓިންގެ އެންމެ މަތިން ވޯޓު ހޯދާފައިވާ ސަންއައިލެންޑް ރިސޯޓަށް ވަނީ ލީޑިން މީޓިން ކޮންވެންޝަން ސެންޓަރުގެ އެވޯޑާއި ލީޑިން މީޓިން ރިސޯޓްގެ އެވޯޑާއި ލީޑިން ޑައިވް ރިސޯޓާއި އަދި މޮސްޓް ސަޕޯޓިވް ރިސޯޓްގެ އެވޯޑް ވެސް ލިބިފަ އެވެ. މޮސްޓް ސަޕޯޓިވް ރިސޯޓްގެ އެވޯޑް ދީފައި ވަނީ ބައިވެރިވި ހުރިހާ ރިސޯޓުތަކުގެ ތެރެއިން މަޓާޓޯ ބޯޑުގައި ހިމެނޭ މެމްބަރުންގެ ވޯޓުން އެންމެ ސަޕޯޓިވް ރިސޯޓަށެވެ.
މީގެ އިތުރުން އަހަރުގެ ޓޫރިޒަމް ޕާސަނަލަޓީ އެވޯޑް ލިބިފައި ވަނީ ވެސް ސަންއައިލްނެޑް ރިޒޯޓްގެ ވެރިޔާ ގާސިމް އިބްރާހިމަށެވެ.
މަޓާޓޯގެ ރައީސް މުހައްމަދު ހަލީލް ވިދާޅުވީ އަހަރުގެ ޓޫރިޒަމް ޕާސަނަލަޓީ އެވޯޑް ދެނީ މަޓާޓޯ ބޯޑުން ކަމަށެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި ޖީއެމްއާރު މޯލްޑިވްސް ޓްރެވެލަ އެވޯޑްގައި ވާދަ ކުރި ފަރާތްތަކުގެ ތެރެއިން ލީޑިން ލަގްޒަރީ ހޮޓަލަކަށް ހޮވިފައި ވަނީ ހުޅުލޭ އައިލެންޑް ހޮޓެލެވެ. އަދި ލީޑިން ބިޒްނަސް ހޮޓަލަށް ހޮވުނީ ޕެރެޑައިންސް އައިލެންޑް ރިސޯޓެވެ. ލީޑިން ބަޖެޓް ހޮޓަލަކަށް އަދާރަން ކްލަބް ރަންނާޅި ހޮވުނުއިރު، ލީޑިން ލަގްޒަރީ ރިސޯޓަކަށް އަނަންތަރާ ކިހާވަށް ވިލާ، އަދި ލީޑިން ބީޗް ރިސޯޓަކަށް ލަކްސް މޯލްޑިވްސް ރިސޯޓް ވަނީ ހޮވިފަ އެވެ.
ހައިރައިޒް އިން އިންތިޒާމް ކޮށްގެން ރޭ ބޭއްވި އެވޯޑް ނައިޓްގައި މޯސްޓް ރޮމޭންޓިކް ރިސޯޓަކަށް ނަލަދޫ މޯލްޑިވްސް ހޮވުނު އިރު ލީޑިން ސާފް ރިސޯޓަކަށް ހޮވިފައި ވަނީ ޗާޔާ އައިލެންޑް ދޮންވެލި ރިސޯޓެވެ. އަދި ލީޑިން އިކޯ ރިސޯޓް އެވޯޑް ކޮކޯ ޕާމް ދުނިކޮޅު ރިސޯޓަށް ލިބުނު އިރު، ލީޑިން ފެމެލީ ރިސޯޓް އެވޯދް ލިބުނީ ސެންޓާރާ ގްރޭންޑް އަށެވެ. އަދި ލީޑިން ވެލްނަސް އެންޑް ސްޕާ ބްރޭންޑަކަށް ޗަވާނާ ސްޕާ ހޮވުނުއިރު ލީޑިން ވެލްނަސް އެންޑް ސްޕާ ރިސޯޓަކަށް ހޮވުނީ ސިކްސް ސެންސަސް ރިސޯޓެވެ. ލީޑިކް ކުރޫޒް އަކަށް ވޮޔެޖަސް މޯލްޑިވްސް އަށް އެވޯޑް ލިބުނުއިރު ލީޑިން ކްރޫޒާ އަކަށް ހޮވުނީ ދާއިންކަނބާ އެވެ.
ލީޑިން ރިސޯޓް ވެބްސައިޓަކަށް ހޮވިފައި ވަނީ އަދާރަން ސިލެކްޓް މީދުއްޕަރު ރިސޯޓް އެވެ. ލީޑިން ލިވްއަބޯޑް ވެބްސައިޓަކީ އައިލެންޑް ޕާލް އެވެ. އަދޮ ލީޑިން އިންޓަނޭޝަނަލް އެއާލައިނަކަށް ހޮވިފައި ވަނީ އެމިރޭޓްސް އެވެ.
މަޓާޓޯގެ ރައީސް މުހައްމަދު ހަލީލް ވިދާޅުވީ އެވޯޑްތައް ދީފައި ވަނީ އޮންލައިން ވޯޓިން ސިސްޓަމް މެދުވެރިކޮށާއި ޖަޖުންގެ ޕެނަލްގެ ހިމެނޭ ހަތަރު ޖަޖުންގެ ވޯޓުން ނެވެ. އޭގެ ތެރެއިން 50 ޕަސެންޓް ވޯޓް ދީފައި ވަނީ އޮންލައިންކޮށެވެ. އަދި އަނެއް 50 ޕަސެންޓް ދީފައި ވަނީ ޖަޖުން ކަމަށެވެ.
މަޓާޓޯ އިން ބޭއްވި ފުރަތަމަ މޯލްޑިވްސް ޓްރެވަލް އެވޯޑްގެ ޓައިޓަލް ސްޕޮންސާ އަކީ ޖީއެމްއާރެވެ.