29 Sep 2012, 13:41
މަކަރާއި ހީލަތް ހަދައިގެން ރާއްޖެއަށް މުދާ އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުވާ 140 އަށް ވުރެ ގިނަ މައްސަލަ މިއަހަރުގެ މިހާތަނަށް ފާހަގަވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ކަސްޓަމްސްއިން ސަން އޮނަލައިންއާ ހިއްސާ ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ 26އާ ހަމައަށް ކޮމާޝަލް ފްރައުޑް، ނޫނީ އޮޅުވާލައިގެން މުދާ އެތެރެ ކުރަން އުޅުނު 145 މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ ތެރެއިން 54 މައްސަލައެއް މިހާރު ބަލާ ނިމިފައިވާއިރު އޭގެ ތެރެއިން 91 މައްސަލައެއް އަންނަނީ އަދިވެސް ތަހުގީގުކުރަމުންނެވެ.
ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ، ކޮމާޝަލް ފުރައުޑްގެ ގޮތުގައި އެންމެ ބޮޑަށް ފާހަގަ ވަނީ އިންވޮއިސް ބަދަލުކޮށްގެން މުދާ އެތެރެ ކުރަން ހުށަހެޅުމުގެ މައްސަލަ ކަމަށެވެ.
ރާއްޖެ އެތެރެކުރުން މަނާ އެއްޗެއް އެތެރެ ކުރަން އުޅުނު 27 މައްސަލަވެސް ކަސްޓަމްސްއަށް ވަނީ ފާހަގަވެފަ އެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 12 މައްސަލައެއް ފާހަގަވެފައިވާއިރު ސްމަގުލްކުރުމުގެ ނުވަ މައްސަލައެއް ވަނީ ފާހަގަވެފަ އެވެ. އަދި މަސްތުވާތަކެއްޗަށް ހިއްވަރުދޭ އިސްތިހާރު ރާއްޖެ އެތެރެ ކުރި 12 މައްސަލައެއް ފާހަގަވެފައިވާއިރު އޮރިޔާންކާޑު އެތެރެ ކުރި ހަތަރު މައްސަލަވެސް ވަނީ ފެންމަތިވެފަ އެވެ. އަދި ދީނާ ނުގުޅޭ ބައެއް ތަކެތި އެތެރެ ކުރި ދެ މައްސަލަވެސް ވަނީ ރިކޯޑްކުރެވިފަ އެވެ.
ކަސްޓަމްސް އިން މިއަހަރުގެ މިހާތަނަށް 2098.0424 ގްރާމްގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އެ ތަކެތީގެ ސްޓްރީޓް ވެލިއު ނުވަތަ އަގު ގާތްގަނޑަކަށް 2.2 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފަ އެވެ.