ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތަކަށް ޓަކައި އެމަނިކުފާނު ދަތުރުފުޅު ކުރެއްވުން މަނާކޮށްފައި ވާތީ ކެނެޑާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯން ބެއަޑް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ދަތުރުފުޅު ކުރެެއްވުން މަނާކުރި ކަމުގެ ރިޕޯޓް މި މަހުގެ 25 ވަނަ ދުވަހު ލިބުމުން ކެނެޑާ އިން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ.

ބަޔާނުގައި ވަނީ ރައީސް ނަޝީދާއި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ)ގެ އިތުރު 19 މީހަކާ މެދު ބޭއިންސާފުން ކަންތައްތައް ކުރާ މައްސަލަ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާ ހިސާބަށް ގެންގޮސްފައި ވާނެ ކަމަށެވެ.

"މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އިތުރު 19 ސީޔާސީ ބޭފުޅުންނާއި އޮފިޝަލުންނާ މެދު ބޭއިންސާފުން ކަންތައްތައް ކުރާ މައްސަލަ ސީދާ ރައީސް ވަހީދާ ހިސާބަށް އަޅުގަނޑު އުފުލީމެވެ،" ބޮޑުވަޒީރު ޖޯން ބެއަޑްގެ ބަޔާނުގައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ އެކަމާ މެދު ރައީސް ވަހީދުއަށް ކުރިމަތި ކުރެއްވި ސުވާލުތަކުގެ ދިފާއުގައި އެކަށީގެންވާ ޖަވާބުތަކެއް ރައީސް ވަހީދު ދެއްވާފައި ނުވުމުން، އެކަން ހިނގަނީ އެގޮތަށް (ބޭއިންސާފުން) ކަން އިނގޭ ކަމަށެވެ.

ބަޔާނުގައި އަދި ވަނީ ޑިމޮކްރަސީގެ އަގުތައް ރާއްޖޭގައި ނެތެމުން ދާތީ ކެނެޑާ އިން އެކަމާ ކަންބޮޑުވާ ކަމަށާއި ޝަރުއީ ނިޒާމުގެ މިނިވަން ކަމާ މެދު ކޯނީ ރިޕޯޓްގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަށް ކެނެޑާ އިން މަސައްކަތް ކުރާ އިރު އެއީ ވެސް އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.


"ކޮމަންވެލްތު ގަބޫލުކުރާ ޑިމޮކްރެޓިކް އުސޫލުތަކާއި އަގުތަކާއި އިންސާނީ ހައްގުތައް އަދި ގާނޫނުގެ ވެރިކަމުގެ އުސޫލަށް ރާއްޖޭން އަމަލުކުރާނެ ކަން ކަށަވަރުކުރުމަށް ޓަކައި ކޮންމެ ބައްދަލުވުމެއްގައި ކެނެޑާ އިން މި ކަންބޮޑުވުންތައް ވަރުގަދައަށް ފާޅުކުރަމުންދާނެ އެވެ." ބަޔާނުގައިވެ އެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ބާއްވަން އެހެން ގައުމުތަކާ އެކު ކެނެޑާ އިން މަސައްކަތް ކުރި ކަމަށާއި އެ އެޖެންޑާގައި ރާއްޖެ އަދި ވެސް އޮތުމުން ހިތްހަމަޖެހޭ ކަމަށް ވެސް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވެފައިވެ އެވެ.

"ރާއްޖޭގައި ހިންގާ ޑިމޮކްރަސީއާ ހިލާފު ހަރަކާތްތައް، ހާއްސަކޮށް، ފުލުހުން ކުރާ އަނިޔާ އާއި އިދިކޮޅު ޕާލަމެންޓޭރިއަނުންނަށް ބިރު ދެއްކުން ފަދަ ކަންތައްތަކަށް އަހަރެމެން ބަލަމުންދާ ބެލުން ކުރިއަށް ގެންދާނަމެވެ." ޖޯން ބެއަޑް ވިދާޅުވެފައިވެ އެވެ.