29 Sep 2012, 12:29
މަގާމުގެ ބޭނުންކޮށްގެން ނާޖާއީޒު ފައިދާ ހޯދި ކަމުގެ ތުހުމަތުގައި ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އިމްތިޔާޒާއި (އިންތ) އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަލީ އަހުމަދު، މާއޮޅު، ޅ. ނައިފަރުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނު( އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީ އިން ބުރާސްފަތި ދުވަހުގެ ތާރީހުގައި މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ޗެއާމަން މުހައްމަދު އިމްތިޔާޒު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާގެ ފިހާރަތަކަށް ފެލިވަރުން އާދަޔާހިލާފަށް ކުޑަ އަގެއްގައި މަސްދަޅު ސަޕްލައިކުރި ކަމަށް ބުނެ އެ ކޮމިޝަނަށް ހުށައެޅި މަސައްސަލައެއް ތަހުގީގުކޮށް ބެލި އިރު، ރަޖިސްޓްރީ އާ ނުކުރުމުން އުވާލާފައިވާ އޮތް ކުންފުންޏެއްގެ ނަމުގައި 1.5 މިލިއަން ރުފިޔާގެ މަސް ދަޅު ކްރެޑިޓަށް ނަގައި އެ ފައިސާ ނުދައްކައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.
"ފްރެޝް ފާމްގެ ނަމުގައި ފެލިވަރު ފިޝަރީޒު މޯލްޑިވްސް ލިމިޓެޑުން 1،535،060 ރުފިޔާގެ މަސްދަޅު (2000 ކޭސް) ކްރެޑިޓަށް ނަގައި އެ ފައިސާ ދައްކާފައި ނުވަނީ މުހައްމަދު އިމްތިޔާޒު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ތަހުގީގަށް ފެންނާތީ އާއި އަދި ވުޖޫދުގައި ނުވާ އިންވެސްޓްމަންޓެއް ކަމުގައިވާ އޭ އެން ޔޫ ފްރެޝް ފާމްގެ ނަމުގައި 2000 ކޭސް މަސްދަޅު ނަގާފައި ވަނީ އޮޅުވާލުމުގެ ގޮތުންކަން މި ތަހުގީގަށް ލިބިފައިވާ ބަޔާންތަކުންނާއި އަދި ކިތާބީ ހެކީން ސާބިތުވާތީ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ވުޖޫދުގައި ނެތް ކުންފުންޏެއްގެ ނަމުގައި އިންތިއަަށް މަސްދަޅުތަކެއް ކްރެޑިޓަށް ދޫކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ އަހުމަދު އިހްމާލުވެފައިވާ ކަމަށެވެ.
"މިކަމަކީ އަލީ އަހުމަދު އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއީޒު ފައިދާ ހޯދައި ދިނުމަށް ހިންގާފައިވާ އަމަލެއްކަން މި ތަހުގީގަށް ލިބިފައިވާ ބަޔާންތަކުންނާއި އަދި ކިތާބީ ހެކީން ސާބިތުވެ އެވެ."
އޭސީސީ އިން ބުނެފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށާއި އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަނީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ ހ.ގައި ބަޔާންކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ކުށްކޮފައި ވާތީ އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވީ ކަމަށެވެ.
އަދި އޭސީސީ އިން ބުނީ ފްރެޝް ފާމްގެ ނަމުގައި ފެލިވަރު ފިޝަރީޒު މޯލްޑިވްސް ލިމިޓެޑުން 1،535،060 ރުފިޔާގެ މަސްދަޅު (2000 ކޭސް) ނާޖާއިޒު ގޮތުގައި އެ ކުންފުނީގެ ޗެއާމަން ނެގުމުގައި ގދ. ގައްދޫ، ހަވީރު، މުހައްމަދު ސިރާޖު ބައިވެރިވެފައިވާ ކަމަށާއި އެކަން ހިންގުމުގައި އޭނާ މަކަރާއި ހީލަތް ހެދިކަމަށް ފެންނާތީ އެ މައްސަލަ ތަހުގީކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް އަށް ފޮނުވާފައިވާ ކަމަށެވެ.
ނާޖާއިޒު ފައިދާ ނެގުމުގެ ތުހުމަތުގައި އިންތި ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ. އަދި އޭނާ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ ކަމުން ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.