29 Sep 2012, 12:20
އެއް އަތްނބަށް ވުރެ ގިނަ އަނބިންނާއި ކައިވެނިކުރުން ރާއްޖޭގައި އިތުރުވަމުންދާކަމަށް ޝަރުއީ ދާއިރާ އިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ޝަރުއީ ދާއިރާގެ ވޭތުވެދިޔަ ފަސް އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު އަހަރެއްގެ މައްޗަށް ކުރެވޭ ކައިވެނިތަކުގެ ތެރެއިން އެވްރެޗްކޮށް 67 ކައިވެންޏަކީ އެއް އަނތްބަށް ވުރެ ގިނަ އަބިންނާއި ކުރެވޭ ކައިވެންޏެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެންމެ ގިނައިން އެކަކަށް ވުރެ ގިނަ އަނބިންނާއި ކައިވެނި ކޮށްފައި ވަނީ 2009 ވަނަ އަހަރު އެވެ. އެ އަހަރު 91 ކައިވެންޏެއް ވަނީ އެގޮތަށް ކޮށްފަ އެވެ.
މިދިޔަ އަހަރު 6015 ކައިވެނި ކުރެވުނު އިރު އޭގެތެރެއިން 3016 ކައިވެނި ވަނީ ރޫޅިފަ އެވެ. އެހެންކަމުން ކުރެވުނު ކައިވެނީގެ ތެރެއިން 50.41 ޕަސެންޓް ކައިވެނި ވަނީ ރޫޅިފަ އެވެ. ދެހާސް ދިހަ ވަނަ އަހަރު ކުރެވުނު ކައިވެނި ތަކަށް ވުރެ މިދިޔަ އަހަރު ކުރެވުނު ކައިވެނި ތަކުގެ އަދަދު ވަނީ މަދުވެފަ އެވެ. ދެހާސް ދިހަވަނަ އަހަރު 6136 ކައިވެންޏެއް ކޮށްފައިވާއިރު އޭގެ ތެރެއިން 2795 ކައިވެނި ވަނީ ރޫޅިފަ އެވެ. އެހެން ކަމުން 2010 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ވަރީގެ އަދަދުވަނީ ބޮޑުތަނުން އުފުލިފަ އެވެ.
އާއިލީ މައްސަލަތަކުގެ ތެރެއިންވެސް މިދިޔަ އަހަރު ކޯޓުތަކަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވަރިވުމަށް ހުށަހަޅާފައިވާ މައްސަލަތަކާއި ވަރިކުރުމަށް ހުށަހަޅާފައިވާ މައްސަލަތަކެވެ.
ވަރިވުމަށާއި ވަރިކުރުމަށް މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 58.85 ޕަސެންޓް މައްސަލައަކީ ގާނޫނާއި އެއްގޮތަށް ކޯޓުތަކުން ވަރިކޮށްދީފައިވާ މައްސަލަތަކެވެ. ވަރިކުރުމަށާއި ވަރިވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 2.86 ޕަސެންޓް މައްސަލަ ދެމަފިރިން ސުލްހަވެގެން ނިމިފައިވާއިރު ބާކީ 38.28 ޕަސެންޓް މައްސަލަ ބާތިލް ކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ކޯޓުތަކުން ނިންމާފައިވަ ހަޟާނާތުގެ މައްސަލަތަކަށް (ދަރިފުޅު ހޯދުމަށް ހުށަހެޅޭ މައްސަލަތަކަށް) ބަލާއިރު ގިނަ މައްސަލަތައް ނިންމާފައި ވަނީ މަންމައާއި ދަރިފުޅު ހަވާލުކުރުމަށެވެ.
މިދިޔަ އަހަރު ނިންމި ހަޟާނާތުގެ މައްސަލަތަކުގެ ތެރެއިން 25 ޕަސެންޓް މައްސަލަ ދަރިފުޅުގެ މަންމައާ ހަވާލު ކުރުމަށް ނިންމާފައިވާއިރު 11 ޕަސެންޓް މައްސަލަ ނިންމާފައި ވަނީ ބައްޕައާއި ހަވާލުކުރުމަށެވެ. ބާކީ 64 ޕަސެންޓް މައްސަލަ ދަރިފުޅުގެ މާމަ ނުވަތަ އާއިލާގެ އެހެން މީހަކާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މިދިޔަ އަހަރު ކޯޓުތަކަށް ހުށަހެޅުނު ހަޟާނާތުގެ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް ބާތިލްވެސް ކޮށްފައި ވެއެވެ.