ނ. ހޮޅުދޫގައި ހިންގި މާރާމާރީއެއް ކޮންޓްރޯލް ކުރަން ދިޔަ ފުލުހުންްގެ ބަޔަކަށް ހަމަލާދީ ހުރަސްއެޅި ހަ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ހޮޅުދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން އެ އަތޮޅު މަނަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންގެ ޓީމަކުން އެ މައްސަލަ ތަހުގީގު ކުރަން އެ ރަށަށް ދިޔަކަމަށާއި އެ ޓީމް ދިއުމުން އެ ޓީމަށް ހުރަސްއަޅައި ހިންގި މާރާމާރީގައި ބައެއް ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން އެއް ފުލުހެއްގެ ބޮލަށާއި އަތަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށެވެ.

އަދި އެ ރަށުގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރަން އެ ރަށަށް ރ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހުން ފޮނުވި ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ ފުރަތަމަ މާރާމާރީ ހިނގީ ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަން ދިޔަ ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި ހަމަލަދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 52 އަހަރުގެ މީހަކާއި 20 އަހަރާއި 21 އަހަރާއި 25 އަހަރާއި 26 އަހަރުގެ މީހުންގެ އިތުރުން 28 އަހަރުގެ މީހެއް ކަމަށެވެ.

ހޮޅުދޫ ކައުންސިލް އިދާރާ އިން ބުނީ ފުރަތަމަ މާރާމާރީ ހިނގީ އެ ރަށު ބޯޅަދަނޑު ކައިރީ 9:00 ޖަހާކަންހާ އިރު ކަމަށެވެ. ނަމަވެސް އެކަން ހިނގަން މެދުވެރިވީ ކީއްވެކަމެއް ނޭނގޭ ކަމަށް ކައުންސިލް އިދާރާ އިން ބުނެ އެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ހައްޔަރު ކުރީ އެ ރަށު މީހުންތަކެއް ކަމަށް ވެސް ކައުންސިލް އިދާރާ އިން ބުނެ އެވެ.