25 Aug 2026, 09:21

މަގުބޫލު ކޮމެޑީ ފިލްމުތައް ކަމަށްވާ "ހައުސްފުލް"، "ހެއި ބޭބީ" އަދި "ހިއްމަތުވާލާ" ފަދަ ފިލްމުތައް ގެނެސްދިން ސާޖިދު ޚާން އަހަރުތަކަކަށްފަހު އަލުން ފިލްމު ޑައިރެކްޝަނަށް ނުކުމެއްޖެ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ސާޖިދު ޑައިރެކްޓްކުރާ މި ފިލްމަކީ ބާލާޖީ ޓެލެފިލްމްސް ލިމިޓެޑުން ހުށަހަޅައިދޭ މަޝްހޫރު އެކްޓަރު ގޯވިންދާގެ ދަރިފުޅު ޔަޝްވަރުދަން އަހޫޖާ ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމެވެ. ގާތްގަނޑަކަށް 12 އަހަރުގެ މެދުކެނޑުމަކަށްފަހު ސާޖިދު ޚާން ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ފިލްމަކީ ބާލާޖީ ޓެލެފިލްމްސްއިން، ޝޯބާ ކަޕޫރާއި، އެކްތާ ކަޕޫރު އަދި އަމަރް ބުޓާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
އެކްތާ ކަޕޫރަކީ މީގެކުރިންވެސް ބިރުވެރި މަޖާ ފިލްމުތައް އުފެއްދުމުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭގެތެރޭގައި ފިލްމު "ބޫތު ބަންގްލާ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ގޯވިންދާގެ ދަރިފުޅު ޔަޝްވަރުދަން އަހޫޖާ މަންމަ ސޫނީތާ އަހޫޖާއާ އެކު--ފޮޓޯ/އެންޑީޓީވީ
"ހީރޯ ކީ ހޮރޮރައިން"ގެ ނަމުގައި އުފައްދާ އާ ފިލްމުގައިވެސް ބެލުންތެރިންނަށް ސިހުން ގެނުވައިދޭނެފަދަ ބިރުވެރި މަންޒަރުތައް ހިމެނޭނެ ކަމަށް ފިލްމާ ގުޅުންހުރި ފަރާތަކުން މީޑިއާގައި ބުނެފައިވެއެވެ.
މި ފިލްމުން ގޯވިންދާގެ ދަރިފުޅު ޔަޝްވަރުދަން އަހޫޖާ ފުރަތަމަ ފަހަރަށް ފެންނާނެއިރު، ޔަޝްވަރުދަންއާ އެކު އޭނާގެ މަންމަ ސުނީތާ އަހޫޖާ ވެސް މި ފިލްމުން ފިލްމީ ދާއިރާއަށް ތައާރަފްވާނެއެވެ.
މީގެިއތުރުން ފިލްމު "ލަޕަތާ ލޭޑީޒް"އިން މަޝްހޫރުކަން ހޯދި ނިތާންޝީ ގޯއެލް ވެސް މި ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެނެއެވެ.
ސާޖިދު ޚާން އެންމެ ފަހުން ޑައިރެކްޓްކޮށްފައިވަނީ 2014 ވަނަ އަހަރު ނެރުނު ފިލްމު "ހަމްޝަކަލްސް"އެވެ. ސާޖިދު ކުއްލިގޮތަކަށް ފިލްމީ ދާއިރާއިން ގެއްލުނީ 2018 ވަނަ އަހަރު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބައެއް އަންހެން ފަންނާނުންގެ ފަރާތުން އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. މީގެ ސަބަބުން އިންޑިއަން ފިލްމް އެންޑް ޓެލެވިޜަން ޑައިރެކްޓަސް އެސޯސިއޭޝަނުން އޭނާއަށް ފިޔަވަޅު އެޅި ނަމަވެސް، 2019 ވަނަ އަހަރު އެ ފިޔަވަޅުތައް ވަނީ އުވާލާފައެވެ.