29 Sep 2012, 11:57
ހައްޖަށް ދާން ފައިސާ ދައްކާއިރު ފައިސާ ދައްކަނީ ސަރުކާރުން ހުއްދަ ދީފައިވާ ޖަމާއަތަކަށް ކަން ޔަޤީންކޮށްފައި ނޫނީ އެއްވެސް ފަރާތަކުން ފައިސާ ނުދައްކަން އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
މިނިސްޓްރީން ބުނީ ހައްޖަށް މީހުން ފޮނުވަން ކޮންމެ އަހަރަކު ހުއްދަ ދޭ ޖަމާއަތްތަކުގެ ނަން އާންމު ކުރާ ކަމަށާއި ނަމަވެސް ބަލަންވާ ވަރަށް ނުބަލައި ހުއްދަ ވެސް ނުދޭ ޖަމާއަތްތަކަށް ބައެއް ފަރާތްތައް ފައިސާ ދެއްކުމުގެ ސަބަބުން ހައްޖަށް ނުދެވޭ ގޮތް ދިމާވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ހައްޖަށް ދާން ފައިސާ ދެއްކުމުގެ ކުރިން ފައިސާ ދައްކާ ޖަމާއަތަކީ ރަޖިސްޓްރީކޮށް ހުއްދަ ލިބިފައިވާ ޖަމާއަތެއްތޯ ރަނގަޅަށް ސާފު ކުރުމަށް ފަހު ނޫނީ ފައިސާ ނުދައްކަން އިލްތިމާސްކޮށްފައިވާ އިރު ހުއްދަ ދީފައި ނުވާ އެއްވެސް ޖަމާއަތަކުން ހައްޖަށް މީހުން ގެންދިއުމުގެ ނަމުގައި ފައިސާއެއް ނެގުމަކީ މަނާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ދެވަނަ ފަހަރަށް ހަނދާންކޮށްދީފަ އެވެ. އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ބަޔާނެއް މެދުވެރިކޮށް މިނިސްޓްރީން ވަނީ ދީފަ އެވެ.
މިނިސްޓްރީން މި އިލްތިމާސް ކޮށްފައިވާ އިރު ހައްޖާއި އުމްރާ އަށް މީހުން ގެންދާ ޖަމާއަތެއް ކަމަށްވާ މަލީޝާ ހައްޖު ގުރޫޕުން ވަނީ މިއަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން އަތުން ފައިސާ ނަގާފަ އެވެ. އެ މައްސަލަ ފެންމަތިވެ، މިއަހަރު ހައްޖަށްދާން އުޅުނު ގިނަ ބަޔަކަށް ހައްޖަށް ދެވޭ ގޮތް ނުވުމުން އޭގެ ތެރެއިން ބައެއް މީހުން ވަނީ ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ. އެ ޝަކުވާއާ ގުޅިގެން، ފައިސާ ނެގި މަލީޝާ ޖަމާއަތުގެ ވެރިޔާ ހުޅުމާލޭ އާފިނި، އިސްމާއިލް އަބްދުލް ލަތީފު 42، ހޯދަން ވެސް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ.
ލަތީފަކީ ރާއްޖޭގައި މީހުން ހައްޖަށް ގެންދިއުމުގައި އެންމެ ޒަމާންވީ އަދި އެންމެ އިތުބާރުހިފޭ އެއް ޖަމާއަތް ކަމަށްވާ އަތާމާ ޖަމާއަތުގެ ވެރިޔާ، އަތަމާ އަބްދުއް ލަތީފުގެ ބޭފުޅެކެވެ.
މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް އިއްޔެ ފުރާފައިވާއިރު ފަހު ގްރޫޕް ފުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.
ރާއްޖެ އިން މީހުން ހައްޖަށް ފޮނުވަން މިއަހަރު ދޫކޮަށްފައި ވަނީ 1،000 ކޯޓާ އެވެ. މިއަހަރު ދިމާވި ތަފާތު މައްސަލަތަކަށް ފަހު ސަރުކާރުން މަސައްކަތް ފަށާފައި ވަނީ ރާއްޖޭގެ ހައްޖު ކޯޓާ 2000 އަށް ބަދަލު ކުރުމަށެވެ.