29 Sep 2012, 10:53
ބައިނަލް"އަގްވާމީ ރައިޓް ޓު ނޯ ޑޭ" ނޫނީ އެނގުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން މައުލޫމާތު ދިނުމުގެ ފޯރަމެއް ބާއްވައިފި އެވެ.
ގައުމީ ޔުނިވަސިޓީގެ މައި އެޑިޓޯރިއަމްގައި ރޭ ބޭއްވި ފޯރަމްގައި ޑިމޮކްރެސީއެއްގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ މުހިއްމު ކަމާއި ކޮރަޕްޝަން ނައްތާލުމަށާއި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް މައުލޫމާތުގެ މުހިއްމު ކަމުގެ މައްޗަށް ޕެނަލިސްޓުން ވާހަކަ ދެއްކި އެވެ.
އާއްމުކޮށް ހުޅުވާލެވިގެން ބޭއްވި ފޯރަމްގެ ޕެނަލްގައި ތިއްބެވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބު ރައީސް
މުއައްވިޒު ރަޝީދާއި ޑިމޮކްރެސީ ހައުސްގެ ޗެއާމަން މުހައްމަދު އަނިލްގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދެވެ.
އައިމަން ރަޝީދު ވިދާޅުވީ ރޭގެ ފޯރަމަކީ އެ ޖަމިއްޔާ އިން ހިންގާ "ރައިޓް ޓު އިންފޮމޭޝަން" ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށާއި އެ ޕްރޮޖެކްޓަކީ ޔޫއެން ޑިމޮކްރެސީގެ ހިލޭ އެހީގެ ދަށުން ޔޫއެންޑީޕީއާ ގުޅިގެން ހިންގާ ދެ އަހަރު ދުވަހުގެ ޕްރޮޖެކްޓެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ބިލަކީ ބައިނަލް އަޤްވާމީ މިންގަނޑަށް ފެތޭ ހަރުދަނާ ބިލަކަށް ހެދުމަށް މަސައްކަތް ކުރުމާއި މައުލޫމާތުގެ މިނިވަންކަމާ ބެހޭ ކަރުދާހެއް ތައްޔާރުކޮށް ޝާއިއު ކުރުމާއި 13 އަތޮޅެއްގެ ރައްޔިތުންނާއި ޖަމިއްޔާ ޖަމާއަތްތަކަށް މައުލޫމާތުގެ މިނިވަން ކަމާ ބެހޭ މަސައްކަތު ބައްދަލުވުންތަކެއް ހިންގުމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ރައްޔިތުންނަށް ދައުލަތުގެ މައުލޫމާތު ލިބޭނެ ނިޒާމެއް ޤާއިމް ކުރުމުގެ އިތުރުން، ބައިނަލްއަޤްވާމީ ތަޖްރިބާ ކާރުންގެ ބައިވެރިވުމާ އެކު ދިވެހި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތުގެ މިނިވަން ކަމާ ބެހޭ ސިމްޕޯޒިއަމްއެއް ބޭއްވުން ހިމެނޭ ކަމަށެވެ.
މަދު އަދަދަކަށް މީހުން ބައިވެރިވި އެ ފޯރަމްގެ ބައިވެރިން ކުރި ހުރިހާ ސުވާލުތަކަކަށް ޕެނަލުން ވަނީ ޖަވާބު ދީފަ އެވެ.