29 Sep 2012, 10:31
ރައްޔިތުންގެ މަޖިލީހުގެ ސަޕޯޓް ސްޓާފެއްގެ މުސާރަ އާއި އިނާޔަތްތަކާ އެކު ލިބޭ ފައިސާ މަޖިލީހުގެ އިދާރީ އިސް މަގާމުތަކުގައި ތިއްބަވާ ޑިރެކްޓަރުންނަށް ޖެހޭ މުސާރައާ އެއްވަރު ކަމަށް މަޖިލީހުގެ ބަޖެޓް ސެކްޝަނުން ބުނެފި އެވެ.
މަޖިލީހުގެ ބަޖެޓް ސެކްޝަންގެ ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވީ މަޖިލީހުގެ ބައެއް މުވައްޒަފުނަށް ލިބޭ ފައިސާ ޑިރެކްޓަރުންނަށް ޖެހޭ މުސާރައާ އެއްވަރު ވަނީ އޯވާ ޓައިމް (އޯޓީ)ގެ ގޮތުގައި މުވައްޒަފުން ހޯދާ ފައިސާއާ އެކު ކަމަށެވެ. އެގޮތުން ބޭސިކް މުސާރައިގެ ގޮތުގައި 7000ރ. ލިބޭ މުވައްޒަފަކަށް އޯޓީގެ ގޮތުގައި 14000ރ. ހޯދާ ކަމަށެވެ. އަދި ސަލާމް ނުބުނެ، ކޮންމެ ދުވަހަކު އޮފީހަށް ހާޒިރުވެއްޖެ ނަމަ ހާޒިރީ އެލަވަންސްގެ ގޮތުގައި 2200ރ. ލިބޭ ކަމަށާއި އަދި ލިވިން އެލަވަންސްގެ ގޮތުގައި 3500ރ. ކޮންމެ މުވައްޒަފަކަށް ލިބޭ ކަމަށެވެ. އެ ގޮތުން ޖުމްލަ 26،700ރ. ކޮންމެ މަހަކު އާދައިގެ މުވައްޒަފަކަށް ލިބޭ ކަމަށެވެ. އެ އަދަދަށް ފައިސާ ބައެއް މުވައްޒަފުންނަށް ލިބެނީ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތް ދުވާލައި ރޭގަނޑު ކުރިއަށްދާ ދުވަސްތަކުގަ އެވެ.
މަޖިލީހުގެ ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކާއެކު 25000ރ. ލިބިލައްވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުގެ ގާނޫނީ ލަފާތަކާއި ކޯޓްތަކުގައި މަޖިލީހާ ދެކޮޅަށް ދައުވާއެއްކޮށްފި ނަމަ ވަކާލާތު ކުރަން މަޖިލީހުން އައްޔަންކޮށްފައިވާ ކައުންސިލާ ޖެނެރަލްގެ މުސާރައަކީ 32000ރ. އެވެ. އެ މުސާރަތަކާ އަޅާ ބަލާއިރު އާދައިގެ މުވައްޒަފުންނަށް ލިބޭ މުސާރައިގެ މައްސަލަ ބޮޑުވެ އެވެ.
އޯޓީގެ ގޮތުގައި ސާވިސް ސްޓާފުނަށް މުސާރައިގެ ދެ ގުނައަށްވާ ފައިސާ ލިބުނު ނަމަވެސް މަޖިލީހުގެ އިސް މަގާމުތަކުގައި ތިއްބަވާ ޑިރެކްޓަރުންނަށް އޯޓީ ލިބޭނެ އުސޫލެއް ހަމަޖައްސަވާފައިނުވެ އެވެ. އެ މައްސަލާގައި މަޖިލީހުގެ މުވައްޒަފުންގެ މުސާރައިގެ ބޮޑު ފަރަގެއް އޮންނާތީ މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވަނީ އެ މައްސަލަ މަޖިލީހުގެ އާންމު ކޮމެޓީއަށް ފޮނުވާފަ އެވެ.
މަޖިލީހުގެ އާންމު ކޮމެޓީގެ ސަބް ކޮމެޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ މައްސަލަ ދިރާސާ ކުރަން ފައްޓާފަ އެވެ. ބުރާސްފަތި ދުވަހު ބޭއްވި ސަބް ކޮމެޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ހިއުމަން ރިސޯސް (އެޗްއާރު) ޕެނަލް އާއި ސެކްޝަނެއްގެ ހެޑުންނާ ބައްދަލުކޮށް، މަޝްވަރާ ހޯދައިފައިވެ އެވެ.
އެޗްއާރު ޕެނަލް އިން ކޮމެޓީއަށް މައުލޫމާތިދިން ގޮތުގައި ފެބްރުއަރީ 12، 2009 އިން ފެށިގެން ސާވިސް ސްޓާފުންނަށް މުސާރައިގެ 45 ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ގޮތަށް އޯޓީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ އުސޫލަށް އާންމު ކޮމެޓީން ބަދަލުތަކެއް ގެނައުމުން ވެސް މުސާރައިގެ ފަރަގަށް ބޮޑު ބަދަލު އަންނާތީ އާންމު ކޮމެޓީން ވަނީ އެ މައްސަލަ ދިރާސާކޮށްފަ އެވެ.
އޯޓީގެ ގޮތުގައި ގިނައިން ފައިސާ ލިބެނީ މަޖިލީހުގެ ކޮމެޓީ ސެކްޝަންތަކުގެ ސާވިސް ސްޓާފުނަށެވެ. ކޮމެޓީތަކުގެ ސެކްޝަނުގެ ހެޑުން ކޮމެޓީއަށް ކިޔައިދިން ގޮތުގައި އެކި ދުވަސްވަރުގައި މަޖިލީހުގެ މަސައްކަތްތައް އޮންނަ ގޮތުން، ހެނދުނު 8:30ގައި އޮފީހަށް އަންނަ ގޮތަށް ދަންވަރު 12:00 ޖަހަންދެން ވެސް ކޮމެޓީގެ މަސައްކަތުގައި އަވަދިނެތި މަސައްކަތް ކުރަންޖެހެ އެވެ. އަދި އެ ދުވަސްތަކުގައި 12 ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރަން ޖެހޭތީ އެ މުވައްޒަފުންނަށް އޯޓީ ލިބެން ޖެހޭނެ ކަމަށް މަޖިލީހުގެ ކޮމެޓީ ސެކްޝަނުން ވަނީ ބުނެފަ އެވެ.
ނަމަވެސް މަޖިލީހުގެ އެޗްއާރު ޕެނަލްއިން ބުނެފައި ވަނީ މުވައްޒަފުންގެ މުސާރަ ކަނޑައަޅާފައި ވަނީ މުވައްޒަފުން ކުރަންޖެހޭ މަސައްކަތަށް ރިޔާއަތް ކުރުމަށް ފަހު އިނާޔަތްތައް ވެސް ހިމަނައިގެން ކަމަށެވެ. ނަމަވެސް އިނާޔަތްތުގެ ގޮތުގައި އޯޓީ ދިނުމަށް އާންމު ކޮމެޓީން ނިންމި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް އެޗްއާރް ޕެނަލްއިން ކޮމެޓީގައި ވަނީ ބުނެފަ އެވެ.
މަޖިލީހުގެ މުވައްޒަފުންގެ މުސާރައިގެ ފަރަގު ބޮޑުވާ މައްސަލާގައި ސުލްހަވެރި ހައްލެއް ހޯދާނެ ކަމަށް މައްސަލަ ދިރާސާ ކުރަމުންދާ އާންމު ކޮމެޓީގެ ސަބް ކޮމެޓީ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލާގައި މަޖިލީހުގެ އެކި މުވައްޒަފުންގެ ހިޔާލަށް ބަލައި މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު މުސާރައިގެ ފަރަގު ކުޑަ ކުރާނެ ކަމަށެވެ.