މިއަންނަ މަހުގެ ތިން ވަނަ ދުވަހަކީ ރާއްޖޭގައި ރިސޯޓެއް ހުޅުވިތާ 40 އަހަރު ފުރޭ މުނާސަބަތު ކަމަށްވާތީ އެދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓުރީން ބުނީ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެގޮތުން ހިންގާނެ އެންމެ ބޮޑު ހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފެންވަރުގައި އަންނަ އަހަރު ރާއްޖޭގައި ފާހަގަކުރުން ކަމަށެވެ.

ޓޫރިޒަމަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދަން ނިންމާފައިވާ އެހެން ހަރަކާތްތަކުގެ ތެރޭގައި އަންނަ މަހުގެ ދެ ވަނަ ދުވަހު ދަންވަރު 12:00ގެ ފަހުން ރާއްޖެ އަންނަ ފުރަތަމަ ފަތުރުވެރިޔާއަށް ހާއްސަ މަރުހަބާއެއް ކިޔާނެ އެވެ. އެގޮތުން އެ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާނީ ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ކުޅިވަރުތަކުންނެވެ. އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ކުރިއަށްއޮތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ޕާސްޕޯޓްގައި ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރުނުކަން ދައްކުވައިދޭ އެންޓްރީ ތައްގަނޑެއް ޖެހުމަށް ވަނީ ނިންމައިފަ އެވެ.

އަދި ދާރުލް އާސާރުގައި ދިވެހި ތަރިކައާއި ސަގާފަތާ ގުޅޭ މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ބޭއްވުމާއި ރާއްޖޭގެ ފަރުތަކުގެ ރީތިކަމާ މެދު މީހުން ހޭލުންތެރިކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގާނެ އެވެ. އެގޮތުން ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ދިމާވެއްްޓަށް ރައްކާތެރިވުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރައަށް ހިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ ހަފްލާއެއް ވެސް ބޭވުމަށް ވަނީ ނިންމައިފަ އެވެ.

ޓުއަރިޒަމް ދާއިރާއަކީ ރާއްޖޭގެ އުފެއްދުންތެރި ކަމުގެ ބޮޑު ބައެއް ހިއްސާކުރާ ސިނާއަތެވެ. ޓޫރިޒަމް ރާއްޖެއަށް ތައާރަފްވީ 1972 ވަނަ އަހަރު އޮކްޓޫބަރު މަހު ކ. ވިހަމަނާފުށީގައި ހުޅުވުނު ރިސޯޓާ އެކު އެވެ. އެއީ މިހާރުގެ ކުރުބާ މޯލްޑިވްސް އެވެ.