23 Aug 2026, 23:24

ދިވެހީން އަބަދުވެސް ދިވެހިބަހުން ވާހަކަ ދެއްކުމަށް އިލްތިމާސްކުރައްވައި، އެންމެ ރަނގަޅަށް ޝުއޫރުތައް ފާޅުކުރެވޭނީ މާދަރީ ބަހުން ކަމަށް، ދިވެހި-އިނގިރޭސި ބަސްފޮތުގެ މުސައްނިފު ޑރ. ޙަސަން ޙަމީދު މިއަދު ވިދާޅުވެއްޖެއެވެ.
ޑރ. ޙަސަން ޙަމީދު އެކުލަވައިލެއްވި މި ބަސްފޮތް ރަސްމީކޮށް ނެރެފައިވަނީ މިއަދު ހަވީރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ފޮތް ރަސްމީކޮށް ނެރެދެއްވީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ. މިއަދު ނެރުނު މި ބަސްފޮތުގައި 120،000 އިނގިރޭސި ލަފުޒާއި މާނަތަކާއެކު ޖުމްލަ 640،000 އެއްހާ ބަސް ހިމެނެއެވެ.
ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޙަސަން ޙަމީދު ވިދާޅުވީ މިފަދަ ފޮތެއް އެކުލަވައިލުމުގެ ޚިޔާލު އެންމެ ފުރަތަމަ އައީ މީގެ ގާތްގަނޑަކަށް 10 ނުވަތަ 20 އަހަރު ކުރިން 'ދަރުމަ' މަޖައްލާގައި އިނގިރޭސި އަކުރު 'އޭ' ގެ ތަރުޖަމާ ޝާއިޢުކުރުމަށްފަހު، އެ މަޖައްލާއަށް އޮތް ބޮޑު ތަރުޙީބު ފެނިވަޑައިގަތުމުން ކަމަށެވެ. އަދި މިފަދަ ފޮތެއް ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާކަން ފާހަގަވުމުން، މި މުހިންމު މަސައްކަތުގައި ދެމިހުންނެވީ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިނގިރޭސި-ދިވެހި ބަސް ފޮތް ނެރުމުގެ ރަސްމިއްޔާތު: އެ ފޮތުގައި 120،000 އަށް ވުރެ ގިނަ ބަސް ހިމެނޭ -- ސަން ފޮޓޯ/ ހުސައިން ހާފިޒް
މި ފޮތް އެކުލަވައިލުމަށް ޖުމްލަ އަށް އަހަރު ދުވަހުގެ ބުރަ މަސައްކަތް ހޭދަވިކަން ހާމަކުރައްވަމުން ޑރ. ޙަސަން ޙަމީދު ވިދާޅުވީ، އޭގެ ތެރެއިން ދެ އަހަރު ދުވާލުގެ ބައެއް ވަގުތުތައް މި މަސައްކަތަށް ހުސްކުރައްވައި، ބާކީ މުއްދަތުގައި ބައެއް ދުވަސްދުވަހު ހެނދުނު 6:00 އިން ރޭގަނޑު 9:00 އަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މި ފޮތުގައި އެއްވެސް ކުށް މަޢުލޫމާތެއް ނުދިނުމަށްޓަކައި ވަރަށް ގިނަ ކަންކަން ބަލަން ޖެހުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހި ބަހުގައި ބޭނުންކުރުން މަދުވެ ނެތެމުންދާ ނާދިރު ބަސްތައް އަލުން ދިރުވުމަށްޓަކައި ކުރީގެ ފޮތްތަކާއި ދިވެހި ބަހުގެ އެޓިމޮލޮޖީ ބަލައި ދިރާސާކޮށް މި ފޮތުގައި ހިމަނާފައިވާނެ ކަމަށް ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.
މިސާލަކަށް 'ކޮންވަޒޭޝަން' އަށް 'ވާކިޔާ' ފަދަ ރީތި ދިވެހި ބަސްތަކާއި، ދިވެހި ބަހުގައި އެކަށޭނަ ލަފުޒެއް ނެތް ޙާލަތްތަކުގައި ދިވެހި އަޑުތަކާ ގުޅޭގޮތަށް ސިންހަޅަ، އުރުދޫ، ޢަރަބި އަދި ޖަޕާން ބަސް ފަދަ ބޭރު ބަސްތައް ވެސް މި ފޮތުގައި ހިމަނާފައިވާނެ ކަމަށް ޑރ. ޙަސަން ޙަމީދު މަޢުލޫމާތު ދެއްވިއެވެ.
ޑރ. ޙަސަން ޙަމީދު ވިދާޅުވި ގޮތުގައި އޭނާއަށް މި ފޮތް ނެރުމުގައި ލިބުނު އެންމެ ބޮޑު އުފާވެރިކަމަކީ ކުރީގެ ރައީސް މައުމޫން މި ފޮތް ނެރެދެއްވުމެވެ. އަދި މައުމޫން ހަމަ އެކަނި ފޮތް ނެރުއްވައިދެއްވީނޫން ކަމަށާއި މިފަދަ މަސައްކަތެއް ކުރައްވަން ފުރުސަތު ލިބުމުގެ މައިގަނޑު އެއް ސަބަބު މައުމޫނު ވުމަކީ ވެސް އެ މަނިކުފާނަށް ޝުކުރު ހައްގުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ މި ފޮތް ނެރުމާއެކު މި ފޮތުން ފިލާވަޅު ލިބިގެން ވާހަކަ ދައްކާއިރު، ބޭނުން ކުރަމުން އަންނަ އިނގިރޭސި ބަސްތައް ވެސް ބޭނުން ނުކޮށް ހުއްޓާލަން އެދިވަޑައިގެންފައެވެ.
އެގޮތުން އެންމެ މުހިންމުކަމެއް ކަމުގައި ދިވެހިން ވާހަދައްކާއިރުގައި އިނގިރޭސި ބަސްތައް ހިމަނައިގެން ވާހަކަދެއްކުން ހުއްޓާލަން ފެންނަކަމަށް ވިދާޅުވިއެވެ. އަދި އެފަދައިން އާންމުކޮށް ވާހަކަދައްކާއިރު، ބޭނުން ކުރާ އިނގިރޭސި ބަސްތަކުގެ ބަދަލުގައި އެ މާނަ ދޭހަވާ ދިވެހި ބަސްތައް ބޭނުންކުރަން ވަނީ އިލްތިމާސްކުރައްވާފައެވެ.
"އާދެ، ބައެއް ބޭފުޅުންނަށް ވާ ގޮތަކީ ހީވަނީ އަސްލުގައި ވާހަކަދައްކާއިރު، އޭގެ ތެރެއަށް އިނގިރޭސި ބަސްތައް ލައިގެން ވާހަކަދެއްކުމުން އެއީ ތިމާއަށް ލިބޭ ފަޚުރަކާއި ޝަރަފެއްހެން. ނަމަވެސް އެއީ ފަޚުރެއް އަދި ޝަރަފެއްނޫން. މާދަރީ ބަހަށްވުރެން ރަނގަޅަށް ތިމާ ފަޚުރުވެރިވުމަށް، ޝުޢޫރުތައް ބަޔާންކުރެވޭ އެހެން ބަހެއް ނޯންނާނެ." ޑރ. ޙަސަން ޙަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ވާހަދެއްކުމުގައި އެއްވެސް އިނގިރޭސި ބަހެއް ނުލައި ވާހަދައްކާލެވުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. އަދި އެ ޝަރަފު ހޯދަން މިއަދާއި މާދަމާގެ ދަރިންނަށް ދަސްކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ.
ޑރ. ޙަސަން ޙަމީދަކީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، ސައިންސާއި، ފަލަކީ އިލްމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިލްމީ ބޭފުޅެކެވެ.
ފިޒިކްސް، ހިސާބު އަދި ފަލަކީ އިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ ޑރ. ޙަސަން ޙަމީދަކީ ސައިންސާއި، ތާރީޚާއި، އިސްލާމީ ފަލަކީ އިލްމާ ގުޅޭގޮތުން ގިނަ ފޮތްތަކާއި މަޒުމޫނުތައް ލިޔުއްވައި، ތަޢުލީމީ ދިރާސާތައް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަކުގައްޔާއި ކޮމިޝަންތަކުގައި ޚިދުމަތްކުރައްވައި، މުޖުތަމަޢު ހޭލުންތެރިކުރުވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.