29 Sep 2012, 09:14
އދ. މަޖިލިސް (ސެޕްޓެމްބަރ 29): ޖަޕާނާއި ޗައިނާއާ ދެމެދު މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ޖަޒީރާތައް ޖަޕާނުން ވަގަށްނަގައިފި ކަމަށް ޗައިނާ ތުހުމަތުކޮށްފި އެވެ.
ޗައިނާގެ ޚާރިޖީ ވަޒީރު ޔަންގްޖިޗީ ވިދާޅުވީ ދެކުނު ޗައިނާ ކަނޑުގައިވާ ޗައިނާގެ މިރަށްތައް ޖަޕާނުން ވަގަށް ނަގާފައިވާ ކަމުގަ އެވެ. އދ.ގެ ޖެނެރަލް އެސެމްބްީގައި ތަޤްރީރުކުރައްވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވީ މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ޖަޒީރާތައް ކޮންމެ އަގެއް ދީފައި ނަމަވެސް ޗައިނާ އަތުން ގަންނާނެކަން ޖަޕާން ސަރުކާރުން އިޢްލާންކުރުމަކީ އެ ރަށްތައް ވަގަށް ނެގުން ކަަމަށާއި ޖަޕާނުގެ މިނިންމުމަކީ ޣައިރު ޤާނޫނީ ނިންމުމެއް ކަމުގަ އެެވެ.
ގުދްރަތީ ގޭހުގެ ރިޒާވް ހުރި މިރަށްތަކަކީ 1895 އިން ފެށިގެން ޖަޕާނުގެ ކޮންޓްރޯލްގެ ދަށުގައިވާ ރަށްތަކެކެވެ. އދ.ގެ ޖެނެރަލް އެސެމްބްލީގައި ތަޤްރީރުކުރައްވަމުން ޖަޕާނުގެ ބޮޑުވަޒީރު ޔުޝިހީކޯ ނޮޑާ ވަނީ މިރަށްތައް ޖަޕާނުން ވެސް ދޫނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މައްސަލަ ހައްލުކުުރުމުގައި ސުލްޙަވެރި ގޮތް ޖަޕާނުން އިޚްތިޔާރުކުރާނެ ކަމަށް ނޮޑާ ވިދާޅުވި އެވެ. މިރަށްތަކުގެ އަރާރުމާގުޅިގެން ޖަޕާނާއި ޗައިނާ ހަނގުރާމަ އަކަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެމެރިކާ ބުނެ އެވެ.
މިރަށްތައް ޖަޕާނުން ދޫނުކުރާނެ ކަމަށް ނޮޑާ ވިދާޅުވި ނަމަވެސް މައްސަލަ ހައްލުކުުރުމުގައި ސުލްޙަވެރިގޮތް ޖަޕާނުން އިޚްތިޔާރުކުރާނެ ކަމަށް އޭނާ ވިދާޅުވުުމަކީ މިރަށްތައް ގަނެގެން ނަމަވެސް ޖަޕާނުގެ އަތްދަށުގައި މިރައްތައް ބާއްވާނެ ކަމަށްބުނެ ޖަޕާނުން ކުރިން ގެންގުޅުނު ހަރުކަށި ސިޔާސަތަށް ގެނައި ބަދަލެއް ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)