29 Sep 2012, 09:09
ލަންޑަން (ސެޕްޓެމްބަރ 29): އެމެރިކާގެ ކެލިފޯނިޔާގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ގައިދީންނަށް އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދެމުންގެންދާ ކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތުކޮށްފި އެވެ.
"އެންޑްއަރެންސް ލިމިޓް"ގެ ނަމުގައި އެމްނެސްޓީން ނެރުނު ރިޕޯޓެއްގައި ކެލިފޯނިޔާގެ ޖަލުތަކަކީ ދުނިޔޭގެ އެންމެ އަނިޔާވެރި ޖަލުތަކުގެތެރޭގައި ހިމެނޭ ޖަލުތަކެއް ކަމަށް ސިފަކުރަމުން އެ ޖަލުތަކުގައި އެކަހެރިކޮށް 10 އަހަރުވަންދެން ގައިދީން ބައިތިއްބާ ކަމަށް ބުނެފައިވެ އެވެ. މިރިޕޯޓްގައި 500 އަށް ވުރެ ގިނަ ޖަލު މީހުން (ގައިދީން) ކޮންމެ މީހަކު 10 އަހަރުވާން ކެލިފޯނިޔާ ޖަލުގައި އެކަހެރިކޮށް ކުޑަކުޑަ ގޮޅިއެއްގައި ހައްޔަރުކޮށްފައި ބައިތިއްބާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި ޖަލު މީހުންގެ އިންސާނީ ޙައްޤުތަކަށް އަރައިނުގަތުމަށް އެމެރިކާގެ ފެޑްރަލް ސަރުކާރަށާއި ކެލިފޯނިޔާގެ ލޯކަލް ސަރުކާރަށް އެކިފަހަރުމަތިން ކުރި އިލްތިމާސްތަކަށް އެއްވެސް އިޖާބައެއް ދީފައިނުވާ ކަމަށް އެމްނެސްޓީގެ މިރިޕޯޓް ބުނެ އެވެ.
ކެލިފޯނިޔާގެ ކަރެކްޝަން އެންޑް ރިހަބިލިޓޭޝަން ސަވިސަސްގެ ވެރިޔާ ޓެރީ މެކްޑޮނަލްޑް ވަނީ މިވާހަކަތައް ދޮގުކުރައްވާފަ އެވެ. ނަމަވެސް ކެލިފޯނިޔާގެ ޖަލުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭކަން ސާބިތުކޮށްދިނުމުގަ އާއި އެމްނެސްޓީގެ ތުހުމަތުތަކަކީ ޙަޤީޤަތާ ޚިލާފް ތުހުމަތުތަކެއްކަން ޢަމަލީ ގޮތުން ދެއްކުމުގައި ޓެރީ ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.
އެމްނެސްޓީ ބުނާ ގޮތުން ކެލިފޯނިޔާގެ ޖަލުތަކުގެ ތެރޭން އެންމެ އަނިޔާވެރި ދެ ޖަލަކީ ބެލްކަން ބޭ ޖަލާއި ކޯކޮރަން ޖަލެވެ. މި ދެ ޖަލުގައި ޢާންމުކޮށް ގައިދީން ބައިތިއްބަނީ އެކަހެރިކޮށް ވަރަށް ވޭންދެނިގޮތްތަކަކަށް ކަމުގަ އެވެ. މިގޮތުން ގައިދީންް ދިގުމުއްދަތަކަށް ބައިތިއްބަނީ މީހުންނާ ބައްދަލު ނުވެވޭ ގޮތަށާއި ސާފުވައިނުލިބޭ ގޮތަށާއި އިރުގެ އަލިކަމެއް ވެސް ނުލިބޭގޮތަށް ކަމަށް ވެސް އެމްނެސްޓީގެ ރިޕޯޓް ބުނެ އެވެ.
ކެލިފޯނިޔާގެ ޖަލުތަކުގައި އެތަންތަނުގެ ޖާގައަށް ވުރެ 50 ޕަސެންޓް އިތުރަށް ގައިދީން ތިބޭ މައްސަލަ އެމެރިކާގެ ހައިކޯޓުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެމެރިކާގެ ޖަލު މީހުންގެ ތެރެއިން އެންމެ ގިނަ މީހުން އަމިއްލައަށް މަރުވަނީ ކެލިފޯނިޔާގެ ޖަލުތަކުގައިކަން ރިޕޯޓްތަކުން ހާމަވެފައިވެ އެވެ. (ނޫސްއެޖެންސީތައް)