ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރު ފަރާތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހު ފާސްވީ ރިޔާސަތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 56 މެންބަރުންގެ ތެރެއިން 54 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓުދެއްވިއެވެ.

ދާއޫދު ހުށަހެޅުއްވި ބިލުގެ މަގުސަދެއް ކަމަށް ވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ.

މި އިސްލާހުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތް ހިމަނަން ހުށަހަޅައިފައެވެ.

އޭގެ އިތުރުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ޚިދުމަތްތަކުން ޚިދުމަތްދޭތާ ތިން ދުވަހުގެ ތެރޭ ޓެކްސް އިންވޮއިސް ތައްޔާރުކުރަން މި އިސްލާހުން ލާޒިމްކުރާނެއެވެ.

މި އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް، ބިލާއެކު ހުށަހެޅި ކޯސްޓް އެސްޓިމޭޓުގައި ލަފާކޮށްފައިވެއެވެ.