29 Sep 2012, 00:12
ރެލިގޭޝަނުގެ ފަހު މެޗުގައި ރޭ ވެލެންސިއާ އަތުން 4-1 އިން ވިޔަންސާ ބަލިވުމުން އެ ޓީމު ދެ ވަނަ ޑިވިޝަނަށް ވެއްޓިއްޖެ އެވެ. ފުރަތަމަ ޑިވިޝަނުގައި ވިޔަންސާ އަށް އޮތް މަގާމު މިހާރު ފުރާނީ ބީޖީ އެވެ.
މިއީ 2007 ވަނަ އަހަރު އެފްއޭއެމް ރޭންކިންގެ އެއްވަނަ ހޯދި ވިޔަންސާ ދެ ވަނަ ޑިވިޝަނަށް ވެއްޓުނު ދެ ވަނަ ފަހަރެވެ.
ރެލިގޭޝަން ނިމުނުއިރު ވެލެންސިއާ ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ނުވަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ބީޖީ ވަނީ ވެލެންސިއާ އަތުން ބަލިވި ނަމަވެސް، ވިޔަންސާ އާއި ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ހަ ޕޮއިންޓް ހޯދާފަ އެވެ. ވިޔަންސާ އަށް ތިން ޕޮއިންޓް އަދި ޔުނައިޓެޑް ވިކްޓަރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.
ރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ވިޔަންސާގެ ކެޕްޓަން އަހުމަދު ޒާދު އެވެ. އޭނާ ލަނޑު ޖެހީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ނެގި ކޯނަރެއް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިރުފާނެވެ. މެޗު އެއްވަރުކޮށްގެން ވެސް ފުރަތަމަ ޑިވިޝަނުގައި ދެމިއޮވެވެން އޮތް ވެލެންސިއާގެ ދެ ވަނަ ލަނޑު 79 ވަނަ މިނިޓްގައި ޖެހީ ބެނިންގެ ފޯވަޑް ވިސްޑަމް ސޮލޮމަން އެވެ. މި ލަނޑަށް ފަހު ވިޔަންސާއިން ދެ ފަހަރު ވެލެންސިއާގެ ގޯލު ދަނޑީގައި ޖެހި އެވެ. ވެލެންސިއާގެ ތިން ވަނަ ލަނޑަކީ އިބްރާހީމް ހަމްދާން (މެސީ) ގޯލަށް ޝޫޓް ކުރުމުްނ ކީޕަރު ފައިދަށުން ގޮސް ވަން ބޯޅައެކެވެ. ހަތަރު ވަނަ ލަނޑު އަބުދުލްވާހިދު ޖެހީ ސޮލޮމަންގެ ބާރު ޝޮޓެއް ކީޕަރު އަތުގައި ޖެހިފައި ނުކުތުމުން ބޮލުޖަހަ އެވެ.