29 Sep 2012, 00:10
ފެބުރުއަރީ 7 ގައި ވެރިކަން ބަދަލުވީ ގޮތުގައި ސުވާލުތަކެއް އުފެދޭ ކަމަށް ބުނެ ކޮމަންވެލްތްގެ މިނިސްޓްރީއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ހިމަނާފައި އޮތް ނަމަވެސް އެ ޖަމާއަތުގެ ރަސްމީ ޖެންޑާ އިން ރާއްޖެ ނެގުމަށް އެ ޖަމާއަތުން މިރޭ ނިންމައިފި އެވެ.
މިރޭ 9:00 ޖެހިއިރު ނިއުޔޯކުގައި ބޭއްވި ސީމެގްގެ ބައްދަލުވުމަށް ފަހު އެ ކޮމެޓީގައި ހިމެނޭ މިނިސްޓަރުން ނިންމާފައި ވަނީ ރާއްޖެ ސީމެގްގެ ރަސްމީ އެޖެންޑާގައި އޮތް އޮތުން ނިމުމަކަށް ގެނެސް ސީމެގްގެ ޖަލްސާތަކުގައި ރާއްޖެ އަށް ބައިވެރިނުވެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ.
އެ ނިންމުމާ ގުޅިގެން ނިއުޔޯކުގައި ހުންނަވައި ގައުމާ މުހާތަބުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ސީމެގްގެ ނިންމުމަކީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކުރި މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.
"މިއަދަކީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ހިމާޔަތް ކުރުމަށް ކުރި މަސައްކަތަށް ފޮނި ކާމިޔާބީއެއް ލިބުނު ދުވަހެއް. ކޮމަންވެލްތުގެ އެކްޝަން ގްރޫޕް ނުވަތަ ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާފައި އޮތް އޮތުން މިއަދު ވަނީ ނިމުމަކަށް އައިސްފައި. ސީމެގްގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން އަނބުރާ ރުޖޫއަވެފައި،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވި ފަހުން ބޭރުގެ ހާރިޖީ ގުޅުންތަކުގައި ރާއްޖެ ދިޔައީ އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުން ކަމަށެވެ. އަދި ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން ބައެއް ގައުމުތަކުން ބަލައި ގަތް ކަމަށާއި ދިވެހި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދި ކަމަށެވެ.
އަދި ވިދާޅުވީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ބޭރުގެ ފަރާތްތަކުން އެދެމުންދިޔަ ކަންތައްތަކަށް ވަރަށް ބޮޑަށް އިޖާބަ ދެއްވާފައި ވާނެ ކަމަށާއި ގިނަ ރައްޔިތުންނަށް ގަބޫލުނުކުރެވޭ ވަރަށް އެކަމުގައި ދޫދީފާ ވާނެ ކަަމަށެވެ.
ސީމެގުން މިރޭ އާއްމު ކުރި ބަޔާނުގައި ވަނީ އިތުރު ސީރިއަސް ކަންބޮޑުުވުމެއް ނޫފެދޭ ނަމަ ސީމެގްގެ ދެން އޮން ޖަލްސާއެއްގައި ރާއްޖެ ބައިވެރިވާނެ ކަަމަށެވެ. ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސީމެގުން ހުށަހަޅާފައިވާ ކަންތައްތައް ކުރަމުން ދޭތޯ ބަލަމުންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ސީމެގުން ރިކޮމެންޑްކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމާއި ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރުން ހިމެނެ އެވެ.
ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނެގުމަށް ނިންމީ މިރޭ ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ރައީސް ބައިވެރިވެ ވަޑައިގަތް މައުލޫމާތު ހިއްސާ ކުރައްވާފައި ވަނިކޮށެވެ. ރައީސްގެ އިތުރުން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި އަދި ފޮރިން މިނިސްޓާ، އަބްދު ސަމަދު އަބްދުﷲ ވެސް ވަނީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.