08 Sep 2010, 09:10
14:11
ހާމަ ނޫހުގެ ލިޔުންތެރިއަކު އިސްލާމްދީނާ މެދު އިހާނެތިކޮށް، ފުރައްސާރަކޮށް ލިޔެފައިވާ ކަމަށް ބުނެ، އޭނާއާ މެދު ފިޔަވަޅު އެޅުމަށް ސަލަފު ޖަމިއްޔާ ގޮވާލައިފި އެވެ.
ހާމަ ނޫހުގެ މަސްއޫލުވެރިޔާއަށް އެޑްރެސްކޮށް ޖަމިއްޔަތުއް ސަލަފުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، މިދިޔަ ބުދަ ދުވަހު ނެރުނު ހާމަ ނޫހުގެ އިންޓަނެޓު އަދަދުގައި "މިސްކިތްތަކުގައި އޮށޯވެ ނިދުން" މި މައުޟޫއަށް އއ. މާޅޮހު، މުހައްމަދު ނަސީރު ޝާއިއުކޮށްފައިވާ ލިޔުމަކީ އިސްލާމްދީނާއި އިސްލާމުންނާއި ކީރީތި ރަސޫލާގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖްމާއިން ދީނުގައި ސާބިތުވެފައިވާ އަޅުކަމަކާ މެދު ހަޖޫޖަހާ ފުރައްސާރަކޮށް ތާރީޚީ ދޮގާއި އިލްމީ ޚިޔާނާތް ހިމެނޭ ލިޔުމެއް ކަމަށެވެ. އަދި އިސްލާމްދީނުގެ މަތިވެރި ޝިޢާރެއް ކަމުގައިވާ މަތިވެރި ޙަރަމްފުޅާ ބެހޭ ގޮތުން އިހާނެތި ބަސްތައް އެލިޔުމުގައި ރަށްދުކޮށްފައިވާތީ އެކަން ކުށްވެރިކުރާ ކަމަށާއި އޭނާއާ މެދު ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ސަލަފްގެ އެ ސިޓީގައި އަދި ވަނީ ތައުބާވުމަށާއި ދީނާ މެދު އެފަދަ ލިޔުންތައް ލިޔުނަ ނުދިނުމަށް ހާމަ ނޫހަށް ގޮވާލާފައެވެ.
އެކަމާ ގުޅިގެން ހާމަ ނޫހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.