އާންމު ސަލާމަތާއި ރައްކާތެރިކަން ހޯދަން ބޭނުން ކުރެވިދާނެ ޓެކްނޮލޮޖީގެ އެކި ވަސީލަތްތައް ދައްކުވައިި ދިނުމަށް "ސޭފްޓީ އެންޑް ސެކިއުރިޓީ އެކްސްޕޯ 2012" ގެ ނަމުގައި މޯލްޑިވްސް ޕޮލިސްސާވިސް އިން މައުރަޒެއް ހުޅުވައިފި އެވެ.

އާންމު ސަލާމަތްތެރިކަން ހޯދަން ގޭގައާއި އާންމު ތަންނުގައި ބޭނުން ކުރެވިދާނެ ޓެކްނޮޖީއާ ގުޅުންހުރި ސާމާނު ވިއްކާއި އަދި އެފަދަ ހިދުމަތްތައްދޭ ފަރާތްތަކާއި ގުޅިގެން ދަރުމަވަންތް ސުކޫލުގައި ފެށި މައުރަޒު މިރޭ ހުޅުވާދެއްވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒެވެ.

މި މައުރަޒު ހުޅުވައި ދެއްވުމަށް ފަހު ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ ޓެކްނިލޮޖީއާ ގުޅުންހުރި އެކި ސާމާނުތައް ވިއްކާ ފަރާތްތަކާއި ގުޅިގެން ފުލުހުން ހުޅިވި މައުރަޒުގެ ސަބަބުން އާންމުގެ ހޭލުންތެރިކަން އިތުރު ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މިއީ ރާއްޖޭގައި މި ގޮތަށް ބޭއްވޭ ފުރަތަމަ މައުރަޒު ކަމަށްވެފައި މީގެ ތެރެއިން ރައްޔިތުންގެ ވަރަށް ބޮޑު ހޭލުންތެރިކަމެއް އަންނާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ. އަދި ކުރިއަށް އޮތް ތަނުގައި އެބޭފުޅުންގެ ގެދޮރާއި މުދާ ރައްކާ ކުރުމަށްޓަކައި ފުލުންނާއި ގުޅިގެން މަސަކަތްކުރެވިދާނެ އިތުރު ގޮތްތައް އެނގިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމިޝަނާ އަބްދުﷲ ރިޔާޒް ވިދާޅުވީ އެފަދަ މައުރަޒެއްގެ މަގުސަދަކީ ކުށްތައް މަދު ކުރުމަށް އާންމުނަށް ބޭނުން ކުރެވިދާނެ އެކި ކަހަލަ ވަސީލަތްތައް އެއްތަނަކުން ދައްކައިދިނުން ކަމަށާއި އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އާންމުން ކަމަށެވެ.

"މި އިވެންޓަކީ ވަރަށް ކާމިޔާބު އިވެންޓަކަށް ވާނެ ކަމަށް އުއްމީދު ކުރަން. އަޅުގަނޑު އެދެން ވީހާވެސް ގިނަ ރައްޔިތުން އައިސް މި އެކްޕޯ ބައްލަވާލެއްވުން،" ރިޔާޒް ވިދާޅުވި އެވެ.

ކުށްތައް ހުއްޓުވުމަށް މިހާރު ދުނިޔޭގެ ބައެއް ތަންތަނުން ބޭނުންކުރާ ބައެއް ޓެކްނޮލޮޖީ ސިސްޓަމްތައް ދައްކައިދޭ ސްޓޯލްތައް އެ މައުރަޒުގައި ހުރިއިރު ސައިކަލް ފަދަ ތަކެތި ވަގަށް ނަގައިފި ނަމަ އެ ހުރިތަން ބެލުމަށް ބޭނުން ކުރެވޭނެ ސިސްޓަމް ވެސް އެ މައުރަޒުގައި ފެންނާނެ ހުއްޓެވެ. އަދި އެހެންމެ އެކި ކަހަލަ އެލާމް ސިސްޓަމްސް ވެސް ދައްކަދޭ ސްޓޯލްތައް މައުރަޒުގައި ހުރިކަން ފާހަގަކޮށްލެވެ އެވެ.

އެ މައުރަޒުގައި މުޅިއެކު 19 ފަރާތެއް ބައިވެރިވެފައިވާއިރު އޭގެ ތެރޭގައި އިންޑިޔާއާއި މެލޭޝިޔާގެ ދެ ފަރާތެއް ހިމެނެ އެވެ.