28 Sep 2012, 23:05
ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕު (ސީމެގް)ގެ އެޖެންޑާގައި ރާއްޖެ ބޭއްވުމާ މެދު ގޮތެއް ނިންމުމަށް އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ ބައްދަލުވުމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދާއި އެ މަނިކުފާނުގެ ވަފުދުން މައުލޫމާތު ހިއްސާކުރައްވައިފި އެވެ.
ރައީސް ޑރ. މުހަންމަދު ވަހީދު ޓުވިޓާ މެދުވެރިކުރައްވާ ވިދާޅުވެފައި ވަނީ ސީމެގްގެ ބައްދަލުވުމަށް މިރޭ ވަޑައިގެން މައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ސީމެގްގެ އެޖެންޑާއި ރާއްޖެ ނެގި އެ ޖަމާއަތުގައި ރާއްޖެ ތަމްސީލް ކުރުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
މިހާރު ވެސް ކުރިއަށްދާ އެ ބައްދަލުވުމުގެ ފުރަތަމަ ސެޝަންއަށް ރައީސްގެ އިތުރުން މައުލޫމާތު ހިއްސާކުރެއްވީ ފޮރިން މިނިސްޓާ ޑރ. އަބްދުސަމަދާއި އަދި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ.
މިހާރު ކުރިއަށް ދަނީ ސީމެގްގެ މިނިސްޓަރުންގެ މެދުގައި ބާއްވާ ސިއްރު ސެޝަން އެކެވެ. އެ ބައްދަލުވުގައި ރާއްޖެއާ މެދު ގޮތްތަކެއް ނިންމާނެ އެވެ.
އެ އެޖެންޑާގައި ރައްޖެ މިހާރު ބޭއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެމްޑީޕީން ބުނަމުން އަންނަނީ ސީމެގްގެ އެޖެންޑާ އިން ރާއްޖެ ނަގައިފި ނަމަ އިދިކޮޅު ފިކުރު ނެތިގެންދާނެ ކަމަށެވެ.