28 Sep 2012, 20:56
ހާބަރު ސަރަހައްދާއި އާޓިފިޝަލް ބީޗް އަދި ކާނިވާ ސަރަހައްދުގައި ހުރި ފުޑްކޯޓް ތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ތަންތަން އަލުން ކުއްޔަށް ދޭއިރު މިހާރު ކުއްޔަށް ހިފައިގެން ތިބި ފަރާތްތަކަށް އިސްކަން ދިނުމުގެ އުސޫލެއް ނުގެންގުޅޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ފުޑްކޯޓްތައް އަލުން ކުއްޔަށް ދިނުމުގައި ބަލާނީ އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް ދޫކޮށްލަން ކަމަށެވެ.
"އަޅުގަނޑުމެން މި ފަހަރު އިސްކަންދޭނީ މިހާރު އެތަންތަން ހިފައިގެން އުޅޭ ފަރާތް ތަކަކަށް ނޫން. އަޅުގަނޑުމެން އިސްކަން ދޭނީ އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް. އެކަމުގައި ހިތްހަމަ ނުޖެހުނަސް [ސިޓީ ކައުންސިލުން] ކުރާނެ ކަމެއް ނެތް،" އޭނާ ވިދާޅު ވިއެވެ.
ޝުޖާއު ވިދާޅުވީ ފުޑްކޯޓްތަކުން އާމްދަނީއެއް ލިބެމުން ދަނިކޮށް އެއްވެސް މީހަކު ނުކުންނަން ބޭނުން ނުވާނެ ކަމަށާއި ނަމަވެސް މުއްދަތު ހަމަވުމުން ފުޑްކޯޓް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. ފުޑްކޯޓްތައް ހިންގާ ފަރާތްތަކާއެކު އޮންނަ އެއްބަސްވުމުގައިވާ ގޮތަށް އެކަމަށް ތައްޔާރު ނުވެ ތިބުމަކީ ސިޓީ ކައުންސިލުން ޒިންމާ ނަގަންޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ފުޑް ކޯޓްތައް ހިންގާ ފަރާތްތަކުގެ ތެރެއިން 95 ޕަސެންޓް މީހުން އެތަންތަން ހިންގަނީ ސީޓި ކައުންސިލުން އެތަންތަން ދޫކޮށްފައިވާ މީހުންގެ އަތުން ބޮޑުއަގުގައި ފުޑްކޯޓުތައް ކުއްޔަށް ހިފައިގެން ކަމަށް ސުޖާ ވިދާޅުވި އެވެ.
"މިހާރު ވާނީ އެ ފަރާތްތަކަށް އަންގާ ނިމިފައި. އެފަރާތް ތަކުން އެކަން ސިއްރު ކޮށްފަ ބޭއްވުމަކީ އަޅުގަނޑު މެންނާ ބެހޭ ކަމެއް ނޫން،" ސުޖާއު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން މިހެން ބުނި އިރު ތިން ސަރަހައްދުގައި ހިމެނޭ ފުޑްކޯޓްތައް ހިންގާ ގިނަ ފަރާތްތަކުން ބުނަނީ ވޭތުވެދިޔަ ދުވަސްތަކުގައި އެތަންތަނުގެ މަރާމާތައް ބޮޑެތި ޚަރަދު ކޮށްފައިވާ ކަމަށާއި، އެ ޚަރަދުތައް އަނބުރާ ނުލިބެނީސް ތަނުން ނުކުންނަން ޖެހުމަކީ ފޫނުބެއްދޭ ވަރުގެ ގެއްލުމަކާއި ކުރިމަތި ލާން ޖެހޭނެ ކަމެއް ކަމަށާއި އެތަންތަނުން ނުކުތުމަށް ތައްޔާރު ނޫން ކަމަށެވެ.
"ތަން ހުސްކުރަން ވެސް ތަނުން ނުކުންނަން ވެސް ތައްޔާރެއް ނޫން. އެތައް މުއައްޒަފުން ނެއް ގޮވައިގެން، ބޮޑެތި ޚަރަދު ތަކެއް ކޮށްގެން. މިދިޔަ އަހަރުވެސް ހަމަ މިކަހަލަ އަޑު ތަކެއް އަރައިގެން، މާލޭ ސިޓީ ކައުންސިލާއި ބައްދަލުކޮށް ވާހަކަ ދެއްކީމަ ބުނީ މުއްދަތެއް ދޭނެ ވާހަކަ، އެ އޮތް ގޮތަށް އޮތީ އެއްވެސް ޚަބަރެއް ނުވެ، މިދިޔަ ރޯދަ އަށްވެސް ތަނުގެ މަރާމާތަށް ބޮޑެތި ޚަރަދު ތަކެއް ކުރިން،" ހާބަރު ކަޑައެއް ހިންގާ ފަރާތެއް، ނަން ނުޖެހުމަށް އެދި ބުންޏެވެ.