28 Sep 2012, 19:38
ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިއާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުނާއި އަދި އެ ޕާޓީގެ އިސް ފަރާތްތަކާ މެދު ދައުވާކުރަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އެ ދައުވާތަކާ ދެކޮޅަށް އެމްޑީޕީން މިއަދު ހިނގާލުމެއް ބާއްވައިފި އެވެ.
އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ، އުސްފަސްގަނޑުން މިއަދު ހަވީރު 4:30ގައި ފެށި އެ މުޒާހަރާ ލީޑްކުރެއްވުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރު މާރިޔާ އަހުމަދު ދީދީ ހުންނެވި އިރު އެ ޕާޓިގެ ޕާލަމެންޓްރީ ގުރޫޕުގެ މެންބަރުންގެ އިތުރުން ކުރީގެ ވަޒީރުން ވެސް ތިއްބެވި އެވެ.
އެމްޑީޕީ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެ ހިނގާލުމުގައި ފުރަތަމަ ނުކުތީ މަޖީދީ މަގަށެވެ. އެއަށް ފަހު ނަލަހިޔާކައިރިން އޯކިޑްމަގުން ކުރިއަށް ދަނިކޮށް ސިފައިން ވަނީ ސަލްސާ ކައިރިން މަގު ބަންދުކޮށް ކުރިއަށް ނުދެވޭ ގޮތްހަދާފަ އެވެ. ހިނގާލުމުގެ ބައިވެރިން ވަނީ އަބުރާލާފައި އައިސް މެދުޒިޔާރަތްމަގުން އިރަށްގޮސް ބޮޑުތަކުފާނު މަގަށް ނުކުމެފަ އެވެ. އަދި މިއަދުގެ ހިނގާލުން ނިންމާލާފައި ވަނީ 6:30 އެހާކަންހާއިރު އުސްފަސްގަނޑަށެވެ.
މިއަދުގެ ހިނގާލުމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވެ އެވެ. އެ ހިނގާލުމުގެ ބައިވެރިން ވަނީ ޝަރުއީ ދާއިރާ އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އެމްޑީޕީގެ އިސްފަރާތްތަކާ މެދު ކުރާދައުވާތަށް މިހާރުން މިހާރަށް ހުއްޓާލުމަށާއި ފުރަމަތަ ދައުވާ ކުރަންވީ ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމުގެ މައްޗަށް ކަމަށް ގޮވާ އެމީހުން އަޑުއުފުލި އެވެ.
އެމްޑީޕީ މެންބަރުންގެ މައްޗަށް ކުރާ ދައުވާތަކާ ދެކޮޅަށް ހިނގާލުމެއް މިއަދު ބޭއްވި އިރު އެ ޕާޓީން ރޭ ނިންމާފައި ވަނީ ކޯޓުން ނިންމާ ނިންމުންތައް ގަބޫލު ނުކުރުމަށެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުގެ ފަރާތުން ދައުވާކޮށްފައިވާ މައްސަލައިގެ ޝަރީއަތުގެ މިއަންނަ ހޯމަ ދުވަހު ބާއްވާ ގޮތަށް ވަނީ ނިންމައިފަ އެވެ.