28 Sep 2012, 19:07
މިއަހަރު ރާއްޖެ އިން ހައްޖަށްދާ މީހުންގެ ފުރަތަމަ ޖަމާއަތް މިއަދު ހަވީރު މާލެއިން ފުރައިފި އެވެ.
މިއަހަރު ރާއްޖެ އިން ފުރަތަމަ ހައްޖަށްދާ ޖަމާއަތުގައި ހިމެނެނީ "އަލް މަނާސިކް" ހައްޖު ގުރޫޕުގައި ހިމެނޭ 56 މީހެކެވެ. އެ ހުރިހާ މީހުން ވެސް މިއަދު ހަވީރު ވަނީ މާލެއިން ފުރައިފަ އެވެ.
ރާއްޖެ އިން ހައްޖަށްދާ ފުރަތަމަ ޖަމާއަތް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރާނީ "ގަތަރު އެއާލައިން"ގެ ފްލައިޓްގައި އިން މިރޭ 8:00 ޖަހާއިރު އެވެ.
މިއަހަރު ރާއްޖެ އިން ހައްޖަށްދާ މީހުންގެ ފުރުމުގެ އިންތިޒާމްތައް ހަމަ ޖައްސާފައި ވަނީ އެހެން އަހަރުތަކާއި މުޅިން ތަފާތު ކޮށެވެ.
އެގޮތުން ހައްޖާޖީންނާއި އެމީހުންގެ އާއިލާއަށް ހުޅުލެއަށް ދިއުމަށް ހަމަ ޖައްސާފައި ވަނީ ޖުމްހޫރީމައިދާން ސަރަހައްދުންނެވެ. މާލެ އިން ފުރުމުގެ ކުރިން ޖުމްހޫރީ މައިދާނުގައި ހައްޖާޖީންނާއި އާއިލާތައް މަޑުކޮށްލައިގެން ތިބުމަށް ޓެންޓް ޖަހާފައިވާ އިރު ހައްޖާޖީން މާލެއިން ފުރި ވަގުތު އިސްލާމިކް މިނިސްޓާ ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު އެ ސަރަހައްދުގައި އިންނެވި އެވެ.
ހައްޖާޖީންނަށާއި އެމީހުން އާއިލާތައް ހުޅުލެއަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަ ޖައްސާފައިވާއިރު މާލެއިން ކާބޯތަކެތި ގަންނަން ލިބޭ އަގުތަކުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ވެސް ކާބޯތަކެތި ގަންނަން ލިބޭނެ ގޮތް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަ ޖައްސާފަ އެވެ.
ހައްޖާޖީން ރާއްޖެ އިން ފުރުމާއި ހަމައަށް އެމީހުނަށް އެމްއެންޑީއެފް އިންވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ރާއްޖެ އިން 1000 މީހުން މިއަހަރު ހައްޖަށް ދިއުމަށް ހަމަ ޖެހިފައިވާ އިރު ހައްޖަށް މީހުން ގެންދިއުމަށް ފަސް ޖަމާއަތަކަށް ސަރުކާރުން ކޯޓާ ދޫކޮށްފައިވެ އެވެ. ރާއްޖެ އިން ހައްޖާދާ މީހުންގެ ދެވަނަ ފްލައިޓް އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.