28 Sep 2012, 18:37
މި އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ގިނަ ބަޔެއްގެ އަތުން ފައިސާ ނަގާފައިވާ މަލީޝާ ހައްޖު އެންޑް އުމުރާ ގްރޫޕުގެ އިސްފަރާތް، އިސްމާއިލް އަބްދުއް ލަތީފު، ހުޅުމާލެ، އާފިނި ވިލާ، 42އ. (ފޮޓޯ) ހޯދުމަށް ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ އިރު އަބްދުއްލަތީފު ވަނީ ރާއްޖެ އިން ފުރައިގެން ގޮސްފައި ކަމަށާއި އޭނާ ހޯދައި ތަހުގީގަށް ހާޒިރުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. އޭނާގެ މައުލޫމާތެއް ލިބިފައިވާ ފަރާތްތަކުން ފުލުހުންނާއި ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.
ފުލުހުން ބުނީ އެ ގުރޫޕަށް ފައިސާ ދެއްކި 52 ފަރާތަކުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މަލީޝާ ގްރޫޕުން ވަނީ 175 މީހެއްގެ އަތުން ފައިސާ ނަގާފަ އެވެ.
ފުލުހުން މިއަދު ބުނީ އެ ޖަމާއަތަށް ފައިސާ ދެއްކި އެންމެންގެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް ހުރިހާ ފަރާތަކުން ވެސް ފުލުހުންނާ ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.
"މަޢުލޫމާތު ދެއްވުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަވިސްގެ 3322111 ނުވަތަ 9790048 މި ނަންބަރުތަކަށް ގުޅުއްވުން އެދެމެވެ،" އެ މައްސަލައިގައި ފުލުހުން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
ހައްޖަށް ނުދެވުނު މީހުންގެ އާއިލާތަކުން ސަން އޮންލައިން އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ އެ ޖަމައާތަށް 68000ރ. ދައްކާފައިވާ ކަމަށާއި ފައިސާ ދެއްކީ ހައްޖަށް ދެވޭނެ ކަމުގެ ޔަގީންކަން އެ ޖަމައަތުން ދިނުމުން ކަމަށެވެ. އަދި ބުނީ އެ ޖަމާއަތުން ދީފައި ހުރި ނަމްބަރުތަކަށް މިހާރު ނުވެސް ގުޅޭ ކަމަށެވެ. އެ ޖަމާއަތުގެ އޮފީސް ވެސް ބަންދުކޮށް ނަންބޯޑު ވެސް ނަގާފައިވާ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ޖަމާއަތުން މީހުން ހައްޖަށް ގެންދިޔުމަށް މަސައްކަތްކުރީ ސްރީލަންކާއަށް ލިބިފައިވާ ހައްޖު ކޯޓާގަ އެވެ. ނަމަވެސް އެހެން ގައުމެއްގެ ކޯޓާއެއްގައި ދިވެހިން ހައްޖަށް ގެންދިޔުމަކީ މަނާކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މަލީޝާ ހައްޖު ގްރޫޕަކީ މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ އޮންނަ ޖަމާއަތެއް ނޫންކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.