އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނުގެ ދަށުން ތާޑް ޕާޓީ އިންޝުއަރެންސް ކުރުމަށްޓަކައި އެލައިޑްގެ އިންޝުއަރެންސްގެ ޓީމްތަކެއް އަތޮޅުތަކަށް ދަތުރުތައް ކުރަން ފަށައިފި އެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖާ މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝިރްނީލް ވިދާޅުވީ އެ ކުންފުނީގެ ޓީމުތަކެއް މިހާރު އަތަޅުތަކަށް ދަތުރު ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ދަތުރުތައް ކުރުމުގައި އިސްކަންދޭނީ އާބާދީ ބޮޑެތި ސަރަހައްދުތަކަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން މިހާރު ޓީމުތައް ދަތުރު ކުރަނީ އައްޑޫ ސީޓީއާއި ތިނަދު އާއި ފުވައްމުލަކާއި ކުޅުދުއްފުއްޓާއި އަދި ލ. ގަމަށެވެ.

ޝިރްނީލް ވިދާޅުވީ މިހާރު ރައްތަކަށް ކުރަމުން މިދާ ދަތުރުތަކުގައި ގާތްގަނޑަކަށް 500 އަށް ވުރެ ގިނަ ވެހިކަލް އިންޝުއަރެންސް ކުރެވިފައިވާ ކަމަށާއި އިންޝުއަރެންސް ކުރެރެވޭ ވެހިކަލް ތަކުގެ ވެރިންނަށް އިންޝުއަރެންސް ކުރިކަމުގެ ރިސިޓެއް ހަވާލު ކުރާނެ ކަމަށެވެ. އަދި ސްޓިކާ އާއި އިންޝުއެރެންސް ޕޮލިސީ ކައުންސިލް އިދާރާތައް މެދުވެރިކޮށް ހަފްތާއެއްގެ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ެއޭނާ ވިދާޅުވީ މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންނާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށެވެ.