އިންޑިއާގެ ޓުޓްކޮރިންއިން މުދާ ބަރުކުރަމުން ދިޔަ ރާއްޖެ ބޯޓެއްގައި މަސައްކަތް ކުރާ ދިވެހި ފަޅުވެރިއަކު 1.3 ކިލޯގެ މަސްދުވާތަކެއްޗާ އެކު އިންޑިއާގެ ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ހދ. ކުޅުދުއްފުށީ، އަހުމަދު މޫސާ، 34، ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ޓުޓްކޮރިން ބަނދަރުންނެވެ. އިންޑިއާގެ ދަ ހިންދޫން ބުނެފައި ވަނީ އޭނާ ހައްޔަރުކުރި އިރު އޭނާ އަޅައިގެން ހުރި ދަބަހުގެ ތެރެއިން 1.3 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާ އެ ހެރޮއިންތައް ގަނެފައި ވަނީ އިންޑިއާގެ، މަދޫރާ އިން ކަމަށް ވެސް އެ ނޫހުގައިވެ އެވެ. އޭނާ މަސައްކަތް ކޮށްފައި ވަނީ އެތަކެތި ރާއްޖެ އެތެރެކުރަން ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

އަހުމަދަކީ އެޕޯލޯ ހޯލްޑިންގްސް ކުންފުނިން އޮޕަރޭޓް ކުރާ، އޭޝިއަން އެކްސްޕްރެސްގައި ހަ އަހަރު ދުވަސް ވަންދެން އިލެކްޓްރީޝަނެއްގެ ވަޒީފާގައި މަސައްކަތް ކުރަމުންދާ މީހެއްކަމަށް ބޯޓުން ވާހަކަ ދެއްކި މީހަކު ސަން އޮންލައިންއަށް މިއަދު ބުންޏެވެ.