ޖޫރިމަނާގެ ވާހަކަ މިހާރު ވެސް ގާނޫނުގައި އޮވޭ، ކަޅު ބާޒާރު ނުހުއްޓުވެނީ އެމްއެމްއޭއާއި ފުލުހުން ދައުރު އަދާނުކުރާތީ: އަންޑޭ
ޖޫރިމަނާގެ ވާހަކަ މިހާރު ވެސް ގާނޫނުގައި އޮވޭ، ކަޅު ބާޒާރު ނުހުއްޓުވެނީ އެމްއެމްއޭއާއި ފުލުހުން ދައުރު އަދާނުކުރާތީ: އަންޑޭ

ކަޅު ބާޒާރު ނުހުއްޓުވެނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން އަޅައިނުލާ ތިބުމުގެ އިތުރުން ފުލުހުން ވެސް އަދާކުރަންޖެހޭ ދައުރު އަދާނުކުރާތީ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ) މިއަދު ވިދާޅުވެއްޖެއެވެ.

ޖޫރިމަނާގެ ވާހަކަ މިހާރު ވެސް ގާނޫނުގައި އޮވޭ، ކަޅު ބާޒާރު ނުހުއްޓުވެނީ އެމްއެމްއޭއާއި ފުލުހުން ދައުރު އަދާނުކުރާތީ: އަންޑޭ
ޖޫރިމަނާގެ ވާހަކަ މިހާރު ވެސް ގާނޫނުގައި އޮވޭ، ކަޅު ބާޒާރު ނުހުއްޓުވެނީ އެމްއެމްއޭއާއި ފުލުހުން ދައުރު އަދާނުކުރާތީ: އަންޑޭ

'އެކްސް'ގައި އަންޑޭ އިއްޔެ ލިޔުއްވައިފައިވާ ގޮތުގައި، ބޮޑުއަގުގައި ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކަށް އެމްއެމްއޭގެ ގާނޫނުގައި މިހާރު ވެސް އަދަބު ކަނޑައަޅައިފައި އެބަ އޮތެވެ.

އެ ޕޯސްޓާ އެކު އަންޑޭ ހިއްސާކުރައްވައިފައިވާ ސްކްރީންޝޮޓުން ފެންނަ ގޮތުގައި، އެމްއެމްއޭ ގާނޫނުގެ 24ވަނަ މާއްދާގައިވާ ގޮތުން، ބޭރު ފައިސާ ގަނެވިއްކާ އަގެއް ކަނޑައަޅައިފައި އޮތް ނަމަ އެ އަގު ފިޔަވައި އެހެން އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން މަނާވާނެއެވެ.

އަދި އެ ގޮތަށް މުއާމަލާތްކުރާ ފަރާތްތައް 10 ހާސް ރުފިޔާއާއި އެއް މިލިއަން ރުފިޔާ، ނުވަތަ 10 ހާސް ރުފިޔާއާއި އެ މުއާމަލާތެއްގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސް ގުނައާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް ވެސް އެ ގާނޫނުގައި ވެއެވެ.

ގާނޫނުގައި މިހެން އޮތް ނަމަވެސް، މި ވީހާ ދުވަހު ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކޮށްފައިވެއެވެ. އެކަމަކު މިކަމުގައި އެމްއެމްއޭން ފިޔަވަޅެއް އެޅިކަން ނުވަތަ ނޫންކަން އެނގޭކަށް ނެތެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ --- ފޮޓޯ: އެމްއެމްއޭ

'ސަން'އާ އިތުރަށް ވާހަކަ ދައްކަވަމުން އަންޑޭ ފާހަގަކުރެއްވި ގޮތުގައި، އެމްއެމްއޭގެ ގާނޫނުގައި އޮތް ކަމެއް ތަންފީޒުކުރަން ޖެހޭނީ އެމްއެމްއޭއިންނެވެ.

"އަޅައިނުލާ ތިބީމަކާއެއް ގާނޫނެއް ތަންފީޒުނުވާނެ، ގާނޫނު ތަންފީޒެއް ނުވާނެ އެހެން ބޭއްވީމަކާއެއް، ތަންފީޒުކުރަން މަސައްކަތްކުރީމަ ކުރެވޭ ކަމެއް އެއީ،" އަންޑޭ ވިދާޅުވިއެވެ.

ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގު މީޑިއާއިން ރިޕޯޓުކުރާ ނަމަ ޖޫރިމަނާކުރަން ޖެހޭ ގޮތަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ނިންމި ނިންމުމަށް އިޝާރާތްކުރައްވައި އަންޑޭ ވިދާޅުވީ، ޑޮލަރު އަގުބޮޑުވާ މައްސަލަ ހައްލުވާނީ މީހުންގެ އަނގަ ބަންދުކޮށްގެން ނޫން ކަމަށާއި، އެ މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ ކަންކަން ވެސް ކޮށްގެން ކަމަށެވެ.

ބާޒާރުގައި ދައުރުވާ ދިވެހި ރުފިޔާގެ އަދަދު ގިނަވީމައި ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވާކަން އަންޑޭ ފާހަގަކުރެއްވިއެވެ. އެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިގޮތުގައި މައްސަލައަކީ ޑިމާންޑާ އެއްވަރަށް ޑޮލަރު ލިބެން ނެތުމެވެ. ޑިމާންޑާ އެއްވަރަށް ޑޮލަރު ނުނެރެވެންޏާ އެކަން ހައްލުކުރުމަށްޓަކައި ވެސް މަސައްކަތްތައް ކުރަންޖެހޭ ކަމަށް އަންޑޭ ވިދާޅުވިއެވެ.

"[ރާއްޖޭގެ] އިގުތިޞާދުގައި ރަނގަޅުކުރަން ހުރި ކިތަންމެ ކަމެއްގެ ވާހަކަ ވޯލްޑް ބޭންކުން ވެސް އައިއެމްއެފުން ވެސް ބުނެފަ އެބަހުރި، އޭގެ އެއްވެސް ކަމަކަށް އަޅައިނުލާ ގާނޫނު ތަންފީޒުކުރަންޖެހޭ އެއްވެސް ކަމެއްގައި، ޚާއްސަކޮށް މި ކަމުގައި (ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައިގައި) [ގާނޫނު] ތަންފީޒުކުރަން ބުރަވެފަ ތިބެގެން މިކަން ހައްލެއްނުވާނެ،" އޭނާ ވިދާޅުވިއެވެ.

ޑޮލަރު ގަނެވިއްކާ ތަނެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ވެސް އެމްއެމްއޭގެ ގާނޫނާއި މަނީ ޗޭންޖަރުންގެ ވިޔަފާރިއާ ބެހޭ ގަވައިދުގައި ވެސް، މާލިއްޔަތު ކޮމިޓީން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ވާހަކަ އެބަހުރިކަން އަންޑޭ ފާހަގަކުރެއްވިއެވެ.

"ގާނޫނު ތަންފީޒުކުރަން މަސްއޫލިއްޔަތު އަދާކުރަންޖެހޭ ފަރާތަކީ އެމްއެމްއޭ، އެމްއެމްއޭއިން މަސްއޫލިއްޔަތު އަދާކުރުމުގައި ދެން ހޯދަން ޖެހޭނީ ގާނޫނު ތަންފީޒުކުރުމުގައި ދެން މަސައްކަތްކުރަންޖެހޭ އެހެން ފަރާތްތައް، އެއީ ފުލުހުން ކަމަށް ވިޔަސް، އެ މީސްމީހުންނަށް މިކަން ނުކުރެވޭތީ މިއޮއްހާ ދުވަހު ވެސް މިކަން (ކަޅު ބާޒާރު) އޮތީ،" އަންޑޭ ވިދާޅުވިއެވެ.

ކަޅުބާޒާރުގައި އަގުބޮޑުކޮށް ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލަ ޒަމާނުއްސުރެ ހައްލުނުވެ އޮތީ އަންޑޭ ވިދާޅުވިގޮތުގައި، އެމްްއެމްއޭއިން އަދާކުރަންޖެހޭ ދައުރު އަދާނުކުރުމުގެ ސަބަބުންނެވެ.

ފާހަގަކުރެވޭ ގޮތުގައި އަގު ބޮޑުކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތް ހެދުމަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަދަލު ގެނައީ އިއްޔެއެވެ. އެކަމަކު މި ބަދަލު ގާނޫނަކަށް ވާނީ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ބަދަލު ތަސްދީގުކުރެއްވުމުންނެވެ.

މި ނިންމުމާ ގުޅިގެން ބޭރު ފައިސާގެ މުއާމަލާތްކުރާ ގިނަ ތަންތަނުން ވަނީ ރެއިން ފެށިގެން ރަސްމީ ރޭޓުގައި ޑޮލަރު ގަނެ ވިއްކަން ފަށައިފައެވެ.