28 Sep 2012, 15:58
ސިޔާސީ ފަރާތަކާއި ދެކޮޅަށް ސިޔާސީ ވާދަވެރިއަކު ހުށަހަޅާ މައްސަލައެއް ފުލުހުން ނުބަލާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
އޮސްޓްރޭލިޔާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކޮމިޝަނާ މާލެ ވަޑައިގަތުމުން ސަން އޮންލައިން އިން ރޭ ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަނާ ރިޔާޒު ވިދާޅުވީ ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަމަށް ވިޔަސް އާންމު ފަރާތަކުން އެ މައްސަލައެއް ހުށަހަޅައިފި ނަމަ ފުލުހުން އެ މައްސަލައެއް ނުބަލާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މަޖިލީހުގެ ތެރޭގައި ހިނގާ ޖިނާއީ ކުށްތައްކުގެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅަންޖެހޭނީ މަޖިލީހުގެ އިދާރާއިން ކަމަށެވެ. އަދި މައްސަލައެއްގައި ގެއްލުންވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން ހުށަހަޅާ މައްސަލަތައް ފުލުހުން ބަލާނީ ދައުލަތުގެ އިދާރާއަކުން ހުށަހެޅުމުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ގެންގުޅޭ ސިޔާސަތަކީ އާންމު ފަރާތަކުން ސިޔާސީ ފަރާތަކާ ދޭތެރޭގަ މައްސަލައެއް ޕޮލިހަށް ވައްދައިފިއްޔާ، ޚާއްސަކޮށް މަޖިލީސްގެ ތެރޭގައި ހިނގާ ކަމަކާ ގުޅޭގޮތުން ވެއްޖެއްޔާ، އެތަންތަނާ ބެހޭގޮތުން އަޅުގަނޑުމެން ގެންގުޅޭ ސިޔާސަތަކީ އެފަދަ މައްސަލަތައް ހުށަހަޅަން ވާނީ މަޖިލީހުންނޭ، ޕޮލިހަށް. އޭގަ ގެއްލުންވާ ފަރާތް ފިޔަވާ އެހެން ސިޔާސީ ވާދަވެރިއަކު ހުށަހަޅާ މައްސަލަތައް ފުލުހުން ނުބަލާ އުސޫލެއް މިގެންގުޅެނީ،" ރިޔާޒު ވިދާޅުވި އެވެ.
އެ މައްސަލައަކާ ގުޅުމެއް ނެތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ ހޯދައި އެ މައްސަލައިގައި ދައުވާ ކުރޭތޯ ބެލުމަށްފަހުގައި ނޫނީ އެ މައްސަލައެއް ތަހުގީގު ނުކުރާނެ ކަމަށް ވެސް ކޮމިޝަނާ ވިދާޅުވި އެވެ.
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް 19 ވަނަ ދުވަހު މަޖިލީސް ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި މަޖިލީހުގެ ބައެއް މެންބަރުން އެތާންގެ ތަކެއްޗަށް ގެއްލުން ދިން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ރިޔާޒު ވިދާޅުވީ ފުލުހުންގެ ސިޔާސަތަކީ ސިޔާސީ ވާދަވެރިޔަކު އެހެން ސިޔާސީ ފަރާތަކާ ގުޅޭގޮތުން ހުށަހަޅާ މައްސަލައެއް ނުބެލުން ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހުން އަމަލުކުރާގޮތެއް ދެންނެވޭނީ ޗެކް ކުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.