ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާ ބާއްވަން ފަހުގެ ނޯޓިސް ދީފައިވަނިކޮށް މި އަހަރުގެ ނޮވެމްބަރު މަހު އެ ޖަލްސާ ބާއްވާ ގޮތަށް ކަނޑައަޅައި އެ ޖަލްސާގެ ނޯޓިސް އާންމުކޮށް ނެރެފި އެވެ.

ބީއެމްއެލްގެ ވެބްސައިޓުގައި ބުދަ ދުވަހު އާންމުކޮށްފައިވާ ނޯޓިސްއެއްގައިވާ ގޮތުން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބެއްވުމަށް ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ އަށެއްވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު ނަސަންދުރާ ޕެލަސްހޮޓަލުގަ އެވެ.

އެހެން ކުންފުނިތަކެކޭ ވެސް އެއްގޮތަށް ބީއެމްއެލްގެ އަހަރީ ޖަލްސާގެ ޔައުމިއްޔާގައިވާ ގޮތުން އާންމު ހިއްސާދާރުންނަށް ބަހާނެ ހިއްސާގެ މިންވަރު ފާސްކުރުމާއި ޔައުމިއްޔާ އާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް މެންބަރުން ހޮވުން ޖަލްސާގައި އޮންނާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އަހަރީ ޖަލްސާ ބާއްވާނެ ދުވަހެއް ބީއެމްއެލް އިން ބުނެފައިވާ އިރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ބުނެފައި ވަނީ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 24 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭނެ ކަމަށެވެ.

ލިސްޓިންގް ރޫލިންގެ ނުވަނަ މާއްދާގެ ދަށުން ކަނޑައެޅިފައިވާ މުއްދަތުގައި އަހަރީ އާންމު ޖަލްސާ ނުބާއްވައިފި ނަމަ އެ ކުންފުންޏެއް ޖޫރިމަނާ ކުރުމާއި، އެ ކުންފުންޏެއްގެ ހިއްސާ ވިއްކުން ހުއްޓުވާލުމުގެ ބާރު ސްޓޮކް އެކްސްޗޭންޖަށް ލިބިގެންވެ އެވެ. އަދި ބީއެމްއެލް އިން ހިއްސާބުތައް އާންމު ނުކޮށްގެންގެން މީގެ ކުރިން ވެސް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.