08 Sep 2010, 09:04
14:07
ޅ. ނައިފަރު މާރުކޭޓް ހޮޓާ ކުއްޔަށް ދީފައި ވަނީ މާލިއްޔަތުގެ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ނޫން ކަމަށާއި އެހެންވެ ގަވައިދުން އެތަން އަލުން ބިޑަށް ލުމަށް ނައިފަރު އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ ނައިފަރު މަސްމާރުކޭޓް ހުޅަނގުން ހަދާފައިވާ ހޮޓާ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ނައިފަރު އޮފީހުން މިއަހަރުގެ ޖޫން މަހުގެ ތެރޭ ކުރި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ދިއުމުން، މަޢުލޫމާތު ކަރުދާހުގެ ބަދަލުގައި ދީފައި ވަނީ ހޮޓާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ކަމަށާއި އަދި މަޢުލޫމާތު ނުދީ އެ ހޮޓާ ކުއްޔަށް ދިނުމުގެ ކަންތައް ގަވާއިދުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އޭސީސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން އެ މައްސަލަ ބެލިބެލުމުން ރަށު އޮފީހުން ކުރި އެ އިއުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރުމަށް ހާޒިރުވި ފަރާތްތަކަށް މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ އުސޫލެއް ލިޔުމުން ދީފައިނުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ޖޫން މަހު ކުރި އެ އިއުލާން ބާތިލުކޮށް ގަވާއިދާ އެއްގޮތަށް ހޮޓާ ބިޑްކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ނައިފަރު އޮފީހަށް އަންގާފައިވާނެ ކަމަށް ވެސް އޭސީސީން ބުންޏެވެ.