ސްކޫލުގައި ކިޔަވައިދެމުންދާ ވަގުތެއްގައި ދިމާވެދާނެ އަލިފާނުގެ ނުރައްކާތެރި ހާދިސާއަކުން މީހުން ސަލާމަތްވުމަށް ޓަކައި ކަންތައްތައް ކުރާނެ ގޮތް ދެނެގަތުމުގެ ގޮތުން ދަރުމަވަންތަ ސްކޫލް ކުދިނާއި ޓީޗަރުނަށް އިއްޔެ "އިވެކުއޭޝަން" ޑްރިލްއެއް ބާއްވައިފި އެވެ.

އެމްއެންޑީއެފުން އިއްޔެ ބުނީ ދަރުމަވަންތަ ސްކޫލުގެ ހުރިހާ ގްރޭޑްތަކެއްގެ ދަރިވަރުންނާއި ޓީޗަރުން އަދި އިދާރީ މުވައްޒަފުން ބައިވެރިވި އެ އިވެކުއޭޝަންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ ސްކޫލުން ނުކުމެގެން ސަލާމަތްތެރި ހިސާބަކަށް ދާނެ މަގުތައް ދެނެގަތުމުގެ އިތުރުން އެފަދަ ހާދިސާއެއް ދިމާވެގެން އުޅޭ މާހައުލެއްގައި މީހުން އުފުލުމާއި މީހުންނަށް އެހީތެރިވުމުގައި ކަންތައް ކުރަން ޖެހޭނެ ގޮތްތައް ވެސް ދަސްކޮށްދީފައިވާ ކަމަށެވެ.

އަދި ބުނީ ސްކޫލުގެ ޓީޗަރުންނާއި ސްޓާފުންނަށް އަމާޒުކޮށް، ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އިމަޖެންސީ ކޮންޓްރޯލް އޮގަނައިޒޭޝަންގެ އަމަލީ ބައި ކިޔައިދެވިފައިވާ އިރު އެ ސްކޫލުގައި ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އެފަދަ ހާދިސާތަކުގައި ކަންތައް ކުރަންވީ ގޮތުގެ ތިއަރީ ކުލާހެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

ދަރުމަނަވަންތަ ސްކޫލުގައި އެފަދަ އިވެލުއޭޝަނެއް ހިނގާފައިވާ އިރު މީގެ ކުރިން ވެސް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ވަނީ ބައެއް ސްކޫލުތަކުގަ އާއި އައިޖީއެމް ހޮސްޕިޓަލުގައި އަދި ބައެއް ސަރުކާރު އޮފީސްތަކުގައި ވެސް އެފަދަ އިވެކުއޭޝަން ޑްރިލްތަކެއް ބާއްވައިފަ އެވެ.