28 Sep 2012, 14:25
ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އަކީ، އޭނާއާ ޗެލެންޖްކުރެވޭނެ ކޯޗެއް ނޫން ކަމަށް ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނި ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ނެތްކަމަށް މޯހަން ބުނެފި އެވެ.
ރޭ ވިކްޓަރީ 3-1 ލަނޑުން ބަލިކޮށް ނިއު ލީގު ކަށަވަރުކުރި މެޗުގެ ކުރިން ދެ ކޯޗުންގެ ބަހުގެ ހަމަލާ ބަދަލު ކުރި އިރު ސުޒޭން ބުނެފައިވަނީ މޯހަން ތަށި ހޯދި ކޯޗުންގެ ރޭހަށް އަންނަން އުޅެނީ އަލަށް ކަމަށެވެ. އަދި އެއް މެޗުން ނަތީޖާ ނެރެންޖެހޭ މެޗުތަކުގައި އޭނާއަތުން މޯހަން މޮޅުވެފައިނުވާ ކަމަށެވެ. ސުޒޭން އިޝާރާތްކުރީ ހުސްވި އަހަރުގެ ގައުމީ ފައިނަލާއި އޭގެ ކުރީ އަހަރުގެ އެފްއޭކަޕް ފައިނަލަށެވެ. މި ދެ ފައިނަލުން ވެސް ނިއުވީ ބައްޔެވެ. އޭގެ އިތުރުން މި އަހަރުގެ ލީގުގެ ފުރަތަމަ ދެ ބުރުގައި ވިކްޓަރީ އަތުން ނިއު މޮޅުވިއިރު ސުޒޭން ހުރީ އެފްއޭއެމުގެ ތިން މަހުގެ ސަސްޕެންޝަނެއްގަ އެވެ. ސުޒޭން ބުނީ މިހެންވެ އޭނާ ބެންޗުގައި އިނދެގެން ނަތީޖާ ނެރެން ކުޅޭ މެޗުތަކުގައި މޯހަން އަށް ކާމިޔާބު ނުހޯދޭ ކަމަށެވެ.
ނަމަވެސް ރޭ ވިކްޓަރީ ބަލިކޮށް ލީގު ހޯދުމުން އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން މޯހަން ހެމުން ހެމުން ބުނީ އެހެން ސުވާލެއް އޮތްނަމަ އެސުވާލެއް ކުރުމަށެވެ. އަދި ފަހުން އޭނާ ބުނީ ސުޒޭން ދައްކާފައިވާ ވާހަކަތަކަށް އެއްވެސް ޖަވާބެއް ނެތް ކަމަށެވެ.
ނަމަވެސް މެޗުގެ ކުރިން މޯހަން ބުނީ ނިއު އަށް ލީގު ލިބެނީ ސުޒޭން ބެންޗުގައި ނެތިގެން ނޫން ކަމަށާއި ހުސްވި ތިން އަހަރު ވީބީ ލީގު ހޯދިއިރުގައި ވެސް ސުޒޭން ވިކްޓަރީ ބެންޗުގައި އިން ކަމަށެވެ. މިހެންވެ، އެހެން ޓީމުތަކަށް ތަށި ލިބެނީ ސުޒޭން ނެތިގެންނޫން ކަމަށެވެ.