ވިކްޓަރީ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-1 އިން މޮޅުވެ ހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ދިރާގު ދިވެހި ލީގު ރޭ ނިއު ކާމިޔާބުކޮށްފި އެވެ.

ޒާތީ ގޮތުން ދެ ޓީމުގެ ކޯޗުންގެ ބަހުގެ ހަމަލާ ބަދަލުކޮށްފައި އޮތް މެޗުގައި ވިކްޓަރީގެ ލަނޑު ޖެހީ ފުރަތަމަ ހާފުގައި ކެމަރޫނު ފޯވަޑް ހަންސްލީ އަވީލޯ އެވެ. ނިއު އަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފު ނިމެން ދެ މިނިޓަށްވީ ފަހުން ބަލްގޭރިޔާގެ މިޑްފީލްޑަރު އިވާން ކަމަނޯފެވެ. ނިއުގެ ފަހު ދެ ލަނޑު ޖެހީ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. އެއިރު ވިކްޓަރީ ކުޅެމުންދިޔައީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އަލީ އުމަރަށް ގަސްތުގައި ހަމަލާދިނުމުން ވިކްޓަރީގެ މުހައްމަދު ރަޝީދު (ހޮކޭ) އަށް ރަތްކާޑު ދެއްކުމުންނެވެ.

މެޗަށް ފަހު ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ހަ އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ލީގު ކާމިޔާބު ކުރެވުނީ ކުޅުންތެރިންގެ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި މެނޭޖްމަންޓާއި ސަޕޯޓަރުން ދިން ހިތްވަރާއި ކުރި އިތުބާރަކީ ވެސް ކާމިޔާބީގެ މުހިންމު ބައެއް ކަމަށެވެ.

ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ފެނިގެންދިޔައީ ރަނގަޅު މެޗެއް ކަމަށާއި ފުޓްބޯޅައިގެ ފޯރި ދަށްވެފައި އޮތް ސަބަބަކީ ފާއިތުވެދިޔަ ތިން އަހަރުތެރޭގައި ބޮޑެތި ކުލަބުތަކުގެ ތެރެއިން އެއް ކުލަބު ތައްޓެއް ނުހޯދާތީވެ، ކަމަށާއި ނަމަވެސް ނިއުގެ މިކާމިޔާބީގެ ސަބަބުން އަލުން ފޯރި އަންނާނެ ކަމަށެވެ. އޭނާ އަދި ބުނީ ނިއުގެ ފަހު ދެ ލަނޑަކީ ވިކްޓަރީ އަށް ދެއްކި ރަތްކާޑުގެ ސަބަބުން ޖެހި ލަނޑުތަކެއް ނޫން ކަމަށާއި ނިއުއަށް މަރުހަބާކިޔާ ކަމަށެވެ.

ލީގުގައި އަދި ކޮންމެ ޓީމަކަށް ވެސް ބާކީ ދެ މެޗު އެބައޮތެވެ. ނިއު އެއްވަނާގައި ވަނީ 43 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައި މާޒިޔާ އޮތީ 35 ޕޮއިންޓާއެކުގެ އެވެ. ވިކްޓަރީ އަށް ތިން ވަނަ ލިބެނީ 31 ޕޮއިންޓާއެކުގަ އެވެ. 22 ޕޮއިންޓާއެކު ވީބީ އަށް ހަތަރުވަނާގައި އޮތްއިރު އީގަލްސް އޮތީ 18 ޕޮއިންޓާއެކު ފަސްވަނާގަ އެވެ. އިއްޔެ ވީބީ 1-0 އިން ބަލިކޮށް އޭވައިއެލް ވަނީ 15 ޕޮއިންޓް ހަމަކޮށްފަ އެވެ.