ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ކޮންސިއުމާ ފެއާ އަށް ފުރަތަމަ ދުވަހު ވެސް 4000 ވަރަކަށް މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެ ފެއާ، އިންތިޒާމް ކުރާ އާޓްލައިން ޑިޒައިން ސާވިސް އިން ބުނެފި އެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ގިނަ ކުންފުނިތަކެއް ބައިވެރިވެގެން ދަރުބާރުގޭގައި އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް އޮންނަ ފެއާގެ ފުރަތަމަ ރޭ ވެސް ފެނުނީ ވަރަށް ބާރު ބޮޑުކޮށް ދިޔަ ތަން ކަމަށް އާޓްލައިނުން ބުންޏެވެ.

"މިތަނުގައި އޮތް ލަކީ ޑްރޯތަކުގައި ބައިވެރިވި އަދަދަކީ 3900 މީހުން. ދެން ވަރަށް ގިނަ މީހުން ޒިޔާރަތްކޮށް ލަކީޑުރޯގައި ބައިވެރިނުވެ ވެސް ދިޔަ. އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިގެން މިއީ ވަރަށް ކާމިޔާބު ފެއާއަކަށް އިރާދަކުރެއްވިއްޔާ ވާނެ" ފެއާ އިންތިޒާމް ކުރާ އާޓްލައިން ޑިޒައިނިންގެ ޖެނެރަލް މެނޭޖާ އިބްރާހިމް އާމިރު ވިދާޅުވި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިގެން ބާއްވާ ފެއާގައި ރާއްޖޭގެ 30 ކުންފުންޏަކުން 70 ސްޓޯލް ބައިވެރިކޮށްފައިވާ އިރު އޭގެތެރޭގައި ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތައް ކަމަށްވާ އެސްޓީއޯ، މިފްކޯ، އެމްއެޗްއޭ ފަދަ ކުންފުނިތައް ހިމެނެ އެވެ.

ކޮންސިއުމާ ފެއާއަކީ ކުންފުނިތަކުން ވިއްކާ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ކޮންސިއުމަރުނަށް ދިނުމަށް ބާއްވާ ފެއާއަކަށްވާ އިރު އެފެއާ އިން ވެސް ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކުރާ ޕްރޮޑެކްޓްތަކާއި މިހާރު ވިއްކަމުން އަންނަ ޕްރޮޑެކްޓްތަކުގެ މައުލޫމާތާއި ބައެއް ޕްރޮޑެކްޓަކުގެ ރަހަ ބެލުމުގެ ފުރުސަތާއި އިތުރުން އެ ޕުރޮޑެކްޓްތައް ހެޔޮއަގުގައި ލިބެން ވެސް އެބަހުއްޓެވެ.